ދެއަހަރު ވަންދެން އޮލިމްޕަސް ތިއޭޓާ ބަންދުކޮށްފައި ހުރުމަށް ފަހު އަލުން އޮލިމްޕަސް ހުޅުވޭއިރު އަޅުވާނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" ކަން ކަށަވަރު ވެއްޖެއެވެ.

މި މަހު އޮލިމްޕަސް ހުޅުވާނެކަމަށް ބުނެފައި އޮތުމުން ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ "ބީވީމާ"ގެ ޕްރޮމޯޝަން މަސައްކަތް ފަށާފައެވެ. ސޯޝަލްމީޑިއާ އެކައުންޓްގައި ބީވީމާގެ ޕޯސްޓަރެއް ހިއްސާކުރަމުން ޑާކްރެއިނުން ބުނީ އެ ފިލްމު ވަރަށް އަވަހަށް ތިއޭޓާތަކަށް އަންނާނެ ކަމަށެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ދަ ޕްރެސް" އަށް ބުނީ އޮލިމްޕަސް ހުޅުވުމުން ފިލްމު "ބީވީމާ" އޮލިމްޕަހަށް ގެންނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮލިމްޕަހުގައި އަޅުވާނެ ފުރަތަމަ ފިލްމަކަށް އެ ފިލްމުވެގެން ދާނެ ކަމަށެވެ.

"ފިލްމު އަޅުވާ ތާރީހެއް ނޭނގެނީ އޮލިމްޕަސް ނުހުޅުވާތީ. ހުޅުވުމާއެކު އެންމެ ފުރަތަމަ ސިނަމާއިން ބަލައިލެވޭނެ ފިލްމަކަށް ބީވީމާ ވެގެންދާނެ،" މޮގާ ބުންޏެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކުރާ މި ފިލްމުގެ ތަރިންނަކީ ލަވަކިޔުންތެރިޔާ އަޝްފާ، ކޮޕީ އިއްސެ، އައިޝަތު ޔާދާ، ސިލްނާ، އާޝާ، ޢައިޝަތު އަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ. އޭގެ އިތުރުން އަލީ ޝަޒްލީމް އާއި ޑާކްރެއިންގެ މިއީ ލޯތްބަކީ އިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ އަމަންގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ޑާކްރެއިނުން މިހާރުވެސް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރ" އަދި "ހިނދުކޮޅެއް" މި ތިން ފިލްމެވެ.