ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އެރުމުން ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފިއެވެ.
އީޕީއޭއިން ބުނީ، ފަރަށް އެރުމުން ފަރަށް ލިބުނު ބަލާ ސާވޭގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.
މި ސާވޭގެ މަސައްކަތް މުޅިން ނިމޭނެ ތާރީހެއް އަދި ނޭނގޭ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
ސާވޭ ކުރުން ލަސްވެފައި ވަނީ ދެތިން ދުވަހު މޫސޫން ގޯސްވެ އެ ސަރަހައްދުގެ މޫދަށް އެރިއުޅުމަށް އުނދަގޫތަކާ ކުރިމަތިވެގެން ކަމަށް އީޕީއިން އޮތީ ކުރިން ބުނެފައެވެ.
ޕްލެޓްފޯމް ފަރަށް އެރުމުން، ފަރުމައްޗަށް އެޅުނު ދަނގަޑުތައް އެފްކޮންސް އިން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނަގާ ސާފުކޮށްފައެވެ.
ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބަލަން އީޕީއޭއިން ހަދާ ސާވޭއަށް ފަހު ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އީޕޭއީން ބުނެއެވެ.
ޕްލެޓްފޯމް ފަރަށް އެރި ހާދިސާ ހިނގީ، ޕްލެޓްފޯމު އޮތް ސަރަހައްދަށް ގެންގޮސް އޭގެ "އެންކާ ސްޕަޑްތައް" ނުވަތަ ފައިތައް ގާއިމް ކުރަން އުޅުމުގެ ތެރޭގައި އޮއި ގަދަވެގެން ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާގައި އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި އަނިޔާވެސް ވިއެވެ.
ތިލަމާލެ ބްރިޖް ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.