މާލެ އާއި ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތްތަކުގެ އަގުތައް ހަމަހަމަކުރުމަށް ގޮވާލައި މަޖިލިހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ސްޓެލްކޯ އާއި ފެނަކައިން މާލެ އާއި ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތްތަކުގެ އަގުތައް ހަމަހަމަކުރުމަށް ގޮވާލައްވައި ގަރާރެއް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާނެވެ.
ގަރާރު ހުށަހަޅުއްވައި ޝިޔާން ވިދާޅުވީ، ސްޓެލްކޯ އާއި ފެނަކަ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ރަށްރަށަށް ބިލްކުރާ އަގު މާލެ އަށް ވުރެ ބޮޑުވުމުން، އެކަމުގެ ސަބަބުން ރަށްރަށުގައި ގެސްޓްހައުސް ފަދަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެ ފަރާތްތަކުން ވިޔަފާރި ހިންގުމަށްޓަކައި މުސާރަ ދިނުމާއި ޓެކްސް ދެއްކުން ފަދަ ހަރަދުތައް ކުރާއިރު، ރަށްރަށުގައި ކަރަންޓުގެ އަގު ބޮޑުވުމުގެ ސަބަބުން ބިލްތައް ދެއްކުމަށް ފަހު، އެ ވިޔަފާރިތަކަށް ފައިދާ ނުވާ ކަމަށާއި، ވިޔަފާރިތައް ހިންގަނީ ގެއްލުމުގައި ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށް ވެސް ޝިއާން ވިދާޅުވިއެވެ.
"އެ ތަފާތުކުރުންތައް (ކަރަންޓުގެ އަގުތަކުގެ ތަފާތުތައް) ނައްތާލާ ހަމަހަމަކުރުމަކީ އެކި ފޯރަމްތަކުގައި އެ ފަރާތްތަކުން (ވިޔަފާރިވެރިން) ވަކާލާތުކޮށް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމެކެވެ." ގަރާރުގައި ވެއެވެ.
ޝިއާން ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން މާލޭގައި ކަރަންޓުގެ ހިދުމަތަށް އަގު ނަގާ ގޮތް
- 0-100 ޔުނިޓު: 3.30ރ
- 101-300 ޔުނިޓު: 3.35ރ
- 301-500 ޔުނިޓު: 3.65ރ
- 501-600 ޔުނިޓު: 4ރ
- 501-3000 ޔުނިޓު: 4.35ރ
- 3001-10000 ޔުނިޓު: 5.75ރ
- 10000 ޔުނިޓުން މަތި: 6.65ރ
އެ ގަރާރުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓުގެ ހިދުމަތަށް އަގު ނަގާ ގޮތް
- 0-100 ޔުނިޓު: 3.25ރ
- 101-200 ޔުނިޓު: 3.35ރ
- 201-300 ޔުނިޓު: 4.75ރ
- 300 ޔުނިޓުން މަތި: 6ރ
ޝިއާން ވަނީ ރަށްރަށުގައި ކަރަންޓުގެ ހިދުމަތަށް ނަގާ އަގު ހަމަހަމަނުކުރެވޭނަމަ، ޓެކްސް ކުޑަކުރުމަށާއި، އެކަން އެގޮތަށް ނުވާނަމަ، ކަމާ ގުޅުންހުރި އިދާރާތައް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް ފަހު މައްސަލަ އަށް އަވަސް ހައްލުތަކެއް ހޯދުމަށް ގޮވާލައްވައިފައެވެ.
"ތިން ކޮޓަރި ހަތަރު ކޮޓަރީގެ ގެސްޓްހައުސެއް ހިންގާ ފަރާތްތަކަށް ކަރަންޓު ބިލާ ފެން ބިލް ދައްކާފަ ދެން އިތުރަށް މުވައްޒަފުންގެ މުސާރަ ދީފަ ރައްކާކުރާނެ އެއްޗެއް ނޯންނަ ވާހަކަ. ލޯނު ދެއްކޭނެ ގޮތެއް ނެތް ކަމުގެ ވާހަކަ [ވިޔަފާރިވެރިން ދައްކަނީ]" ޝިޔާން ވިދާޅުވިއެވެ.
އެ ގަރާރަށް ތާއީދުކުރައްވައި ގިނަ މެންބަރުން ވަނީ ކަރަންޓުގެ އަގުތައް ހެޔޮކުރުމަށް ގޮވާލައްވައިފައެވެ.