ރާއްޖެ ހަމަޔަކަށް އަޅުވަން އަދާލަތު ޕާޓީއާ ގުޅެން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

އިޔާޒު ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުވާ، އިސްލާމީ އަސާސްތަކުގެ މަތީ ގާއިމުވާ އަދުލުވެރި ވެރިކަމެއް ގާއިމުކުރުމަށް އަދާލަތާ ގުޅެން އިލްމުވެރިންނަށާއި ދިވެހި ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ.

އިޔާޒު މިހެން ވިދާޅުވެފައި ވާއިރު 2033 ވަނަ އަހަރު ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުން ބާއްވާފައި ވާއިރު، އެ ބައްދަލުވުމުގައި އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭން ވަނީ ފާސްކޮށްފައެވެ.

އެ ޕްލޭނުގައި ހިމެނޭ ދާއިރާތަކަކީ އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެމްބަޝިޕެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވާދަ ނުކުރާ އިރު އެމްއާރްއެމް އިންނާއި އެމްޑީޕީންނާއި، ޖޭޕީންނާއި، އެމްއެންޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ހަމައެއާއެކު ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ވެސް ދީފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާ ގެންދަވަނީ މިހާރު ވެސް ކެމްޕެއިން ކުރައްވަމުންނެވެ.