ގައުމަށް ހެޔޮ އެދޭ މީހުންނަކީ ގައުމު ތިމާ އަށް ކޮށްދޭނީ ކޮން ކަމެއްތޯ ނާހައި، އަމިއްލަ އަށް އެ ޒިންމާ އަކާ ހަވާލުވެ، އެ ޒިންމާ ބަރާބަރަށް އަދާކުރާ މީހުން ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަލްމަރްހޫމް އުމަރު ޒާހިރުގެ ހަނދާނުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމޫން ފައުންޑޭޝަން"ގެ ފަރާތުން ތައްޔާރުކުރި ފޮތް ނެރެދެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އުމަރު ޒާހިރު ގައުމަށް ކޮށްދެއްވި ހިދުމަތްތަކަކީ ހަނދާނުން ފޮހެވިގެން ދާނެ ހިދުމަތްތަކެއް ނޫން ކަމަށެވެ.

އެގޮތުން މިސާލެއްގެ ގޮތުގައި ނައިބު ރައީސް ދެއްކެވީ 60 ގެ އަހަރުތަކުގައި އުމަރު ޒާހިރު މަޖީދިއްޔާ ސްކޫލްގެ ހެޑްމާސްޓަރަކަށް ހުންނެވިއިރު ދެއްކެވި ނަމޫނާއެވެ. އުމަރު ޒާހިރުގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ ބައިވަރު ކަންކަން ދަސްކުރެވޭނެ ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަޖީދިއްޔާގެ ހެޑްމާސްޓަރުގެ ގޮތުގައި ހުންނަވައި، އުމަރު ޒާހިރު ވަރަށް ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކުރައްވާފައިވެއެވެ.

"ސްކޫލެއްގަ ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރިވެތި ސިފަތައް އަށަގަންނަނީކީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުނެއް ނޫން. ޖަހާފައި ހުންނަ މުށްޓަކުނެއް ނޫން، ފުރާޅުގައި ޖަހާފަ ހުންނަ ޓިނަކުނެއް ނޫން. އެހެން ނަމަވެސް އެ ސްކޫލެއްގެ ހާއްސަކޮށް ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން. އެ ދުވަހުވެސް 60 ގެ ތެރޭގައި އުމަރު ޒާހިރު ވަނީ އެ ނަމޫނާ އާއި ސިފަތައް ދައްކުވައިދެއްވާފަ."
ފައިސަލް ނަސީމް | ނައިބު ރައީސް

އޭގެ ފަހުން ވެސް އުމަރު ޒާހިރު ކޮށްދެއްވި ބައެއް ހިދުމަތްތައް ނައިބު ރައީސް ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ތިލަފުށި ތަރައްގީ ކުރުމާއި، ހުޅުމާލޭގެ މަސައްކަތާއި، މާލޭގެ މަގުތަކުގެ މަސައްކަތްތަކާއި، ގަލޮޅު ބޯޅަ ދަނޑުގެ މަސައްކަތް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އުމަރު ޒާހިރުގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތް، ކުރީގެ ރައީސް މައުމޫނާއި ނައިބު ރައީސް ނެރެދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި، އުމަރު ޒާހިރުގެ ފަރާތްޕުޅުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ސިފަޔަކީ ކަމަށް ކަމޭހިތުމެވެ. އެގޮތުން އުމަރު ޒާހިރާ ހަވާލުކުރެވުނު ކޮންމެ މަސައްކަތެއް ގާތުން ބައްލަވާ ކަމަށާއި، އެ މަސައްކަތްތަކަކީ އަމިއްލަ މަސައްކަތްތަކެއް ކަން ދެކިވަޑައިގެން އެ މަސައްކަތުގެ ޒިންމާ ފުރިހަމަ އަށް ނަންގަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޒިންމާ ހަވާލު ނުކުރެއްވިޔަސް ތިމާގެ އަމިއްލަ ކަމެއް ކަން ދެކެވަޑައިގެން އެކަމަކާ ތިމާގެ ގައުމުކަން މީ، ތިމާގެ ރައްޔިތުން ކަން މީ، ގައުމަށް އެންމެ ހެޔޮ އެދޭ މީހުންގެ ސިފަތަކަކީ ކޮންމެހެން ކަމެއް ކޮށްދޭށޭ ނުުބުންޏަސް އަމިއްލައަށް އެކަމަކާ ހަވާލުވެވަޑައިގެން އެ ޒިންމާ އާ ހަވާލުވެ ވަޑައިގެން ޒިންާމާއިން ނުރެކި އެކަމަކާ ހަވާލުވެ ވަޑައިގަތުން."
ފައިސަލް ނަސީމް | ނައިބު ރައީސް

އުމަރު ޒާހިރުގެ ފަރާތްޕުޅުން މިފަދަ އެތައް ނަމޫނާ އެއް ފެނިގެން ހިނގައްޖެ ކަމަށާއި، އުމަރު ޒާހިރުގެ ހަޔާތްޕުޅުން ޒުވާނުންނާއި ދިވެހިން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އުމަރު ޒާހިރުގެ ނަމޫނާ ސިފަތަކުގެ ވާހަކަތަކަކީ ދުވަހަކު ވެސް ދައްކާ ނިމޭނެ ވާހަކަތަކެއް ނޫން ކަމުގައި ވިދާޅުވިއެވެ.

50 ގެ އަހަރުތަކުން ފެށިގެން ގައުމަށް ހިދުމަތް ކޮށްދެއްވި އުމަރު ޒާހިރު އަވަހާރަވެފައި ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 20 ގައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އުމަރު ޒާހިރު ވަނީ މަޖީދިއްޔާގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމާއި، ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމު ފުރުއްވައިފައެވެ. އަދި 1983 އިން 1988 އަށް ހޯމް މިނިސްޓަރު ކަމުގެ މަގާމާއި، އެއަށްފަހު 1993 ވަނަ އަހަރާ ހަމައަށް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

1950 އިން ފެށިގެން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފު ވެސް އަރުވައިފައެވެ.