ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ރަޝިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން މަދުވެފައި އޮތުމަށް ފަހު އިތުރުވެ، ރަޝިއާގެ މާކެޓަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރަޝިއާ އިން 123،208 ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވެއެވެ. އޭގެ ކުރީ ހަފްތާގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު 24 ގެ ނިޔަލަށް އެ ގައުމުން އައީ 119،437 ފަތުރުވެރިންނެވެ.

މިދިޔަ މަހުގެ 24 ގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެ އަށް އައީ 121،407 ފަތުރުވެރިންނެވެ. އޭގެ ހަފްތާއެއް ފަހުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަސް ނިމުނުއިރު އިނގިރޭސިވިލާތުން 122،871 ފަތުރުވެރިން ރާއްޖެ އަށް އައެވެ.

ވުމާއެކު، އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައި ގައުމަކަށް ވެފައި ވަނީ ރަޝިއާއެވެ.

މި އަހަރު ފެށިގެން އޭޕްރިލް މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށްވީ ރަޝިއާއެވެ. ނަމަވެސް ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ގައުމީ އެއާލައިން އެއިރޯފްލޮޓުން ވަނީ ރާއްޖެ އަސް ކުރާ ދަތުރުތައް މިދިޔަ މާޗް 8 ގައި މެދުކަނޑާލައިފައެވެ. އެއަށްފަހު އެއިރޯފްލޮޓުން ރާއްޖެ އަށް އަލުން ދަތުރުތައް ކުރަން ފަށާފައި ވަނީ އޭގެ ދެ މަސް ފަހުން މޭ 14 ގައެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައަށް ރަޝިއާ ޖެހިލިއިރު، އެ ލިސްޓުގެ އެއްވަނައިގައި އޮތީ އަވަށްޓެރި އިންޑިއާއެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ގައުމުން 153،204 ފަތުރުވެރިން ރާއްޖެ އަށް އައިސްފައިވެއެވެ.

މި އަހަރު މިހާތަނަށް ރާއްޖެ އަށް 1.078 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އަށް އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށެވެ.