އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފްރީޒް ކުރި، ކުރީ ރައީސް އަބްދުﷲ ޔާމީންގެ އެސްކްރޯ އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު ނުދޭ މައްސަލައިގައި ދައުވާ ކުރަން ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، ރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އެމްއެމްޕީއާރްސީ މައްސައިގައި އެމަނިކުފާނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެއްވި އެއް މިލިއަން ޑޮލަރުގެ ޗެކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔާމީންގެ އެސްކްރޯ އެކައުންޓް ފްރީޒްކޮށް ހިފެހެއްޓި ފައިސާ އަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާއެއް ނޫން ކަމަށާއި އަދި އެއީ ގާނޫނާ ހިލާފް ކަމެއް ކުރުމަށް ހޯދާފައިވާ ފައިސާއެއް ވެސް ނޫން ކަމަށެވެ. އެއީ ސައްހަ ކޮށް ސައްހަ މަސައްކަތަކަށް ހަމަޖެހިފައި ހުރި ފައިސާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދީބްގެ އަތުން އެއް މިލިއަން ޑޮލަރުގެ ޗެކެއް ދެއްވާފައި ވީ ނަމަވެސް އަދި ވެސް އެ އޮތީ ޑިސްޕިއުޓްގައި ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ފައިސާގެ ބަދަލުގައި އޭސީސީއާ އެކު އެސްކްރޯ އެގްރިމެންޓެއް ހެއްދެވި ކަމަށާއި އެ އެގްރިމަންޓްގައި ވާ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އޭސީސީއަށް އެއީ ދައުލަތުގެ ފައިސާ ކަމަށް ނުނިއްމިއްޖެ ނަމަ އެ ފައިސާ އޮޓޮމެޓިކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އަދިވެސް ބޭންކް އޮފް މޯލްޑިވްސް އިން އެކަން ކޮށްދޭން ނޫޅޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ވަޑައިގަތުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ފައިސާ އަކީ އަދިވެސް އެމަނިކުފާނަށް ބޭނުން ކުރެއްވޭ ގޮތަށް ހުރި ފައިސާ ނޫން ކަމަށާއި އެ ހުރީ އަދިވެސް ބޭންކް އޮފް މޯލްޑިވްގެ އެސްކްރޯ އެކައުންޓްގައި ފްރީޒް ކޮށްފައި ނަމަވެސް އެ ފައިސާ އަކީ އަދީބު އެމަނިކުފާނަށް ދެއްވަން ޖެހޭ އެއްމިލިއަން ޑޮލަރު ކަމަށެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެއް މިލިއަން ޑޮލަރުގެ ޗެކް އެސްއޯއެފްގެ އެކައުންޓަށް ޖަމާވިތޯ ދައުލަތާ ސުވާލު އުފައްދާފައެެވެ. އެއީ ޑިޕޮސިޓް ސްލިޕްގައި އޮތް ޗެކް ނަމްބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަމްބަރު ދިމާ ނުވާތީއެވެ. އެހެންނަމަވެސް އެ މައްސަލަ އޮތީ ދަށު ކޯޓުތަކަށް ފާހަގަ ނުވެއެވެ. ނުވަތަ ގަސްތުގައި ފާހަގަ ނުކޮށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ޔާމީން މިނިވަން ކޮށްފައެެވެ.

ޔާމީން 1 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާ އިރު އޭގެ ސޯސް ވިދާޅުވާން ދެކޮޅު ހައްދަވައެވެ.