ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރްއެމުގެ ފަރާތުން ކެންޑިޑޭޓެއް ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، ރޭ ވީޓީވީގެ "ބޮޑުފެންޑާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފައްދާނީ ސިޔާސީ ބޭނުންތަކެއް ފުއްދަން ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ ވެރިކަމަށް އައުން ކަމަށެވެ. ސިޔާސީ ޕާޓީއެއް ވެރިކަމުގައި ނެތި އެ ޕާޓީން ބޭނުންވާ އިސްލާހުތަކެއް ގައުމަށް ނުގެނެވޭނެ ކަމަށާއި ކުރަން ބޭނުންވާ ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް ދުރުރާސްތާގެ މަގްސަދަކީ ވެރިކަމަށް އައުން ކަމަށާއި އެމްއާރްއެމުން ވެސް މިހާރު ވެސް ކުރާ އުންމީދަކީ ވެރިކަން ލިބުން ކަމަށް މައުމޫން ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ ކޮން ކެންޑިޑޭޓެއް ކަމާ މެދު އަދި އެ ޕާޓީ ތެރޭގައި މަޝްވަރާ ނުކުރާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރިޔާސީ އިންތިހާބު ގާތްވުމުން އެ ފަދަ މަޝްވަރާއެއް ޕާޓީގެ މެންބަރުންގެ ތެރޭގައި ކުރާނެ ކަމަށާއި އެ ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރައްވާ ގޮތަކަށް ނިންމަވާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނު މިހާރު ނުގެންގުޅުއްވާ ކަމަށާއި 30 އަހަރު ވެރިކަން ކުރައްވާފައި ވާތީ އެހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުން މާ އައުލާކަން ބޮޑު ކަމަށް މައުމޫން ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް އެމްއަރާއެމުން ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށް މައުމޫން އިއުލާން ކުރައްވާފައިވާ އިރު، އެމްޑީޕީންނާއި، ޖޭޕީންނާއި، އެމްއެންޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ހަމައެއާއެކު ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ވެސް ދީފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ގެންދަވަނީ މިހާރު ވެސް ކެމްޕެއިން ކުރައްވަމުންނެވެ.