ޕީއެސްއެމްގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައި، ސަން ޓީވީ އަލުން ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ބްރޯޑްކާސްޓިންގެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާސިފް، ޕީއެސްއެމްގެ ބޯޑަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އިއްޔެ އެ ބޯޑުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާސިފް ވިދާޅުވި ގޮތުގައި، އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ޕީއެސްއެމްގެ ބޯޑުގައި އިންނަވައި، އެ ބޯޑުގެ މަސައްކަތާއި މަސްލަހަތަށް ފުށޫއަރާ އެހެން މަސައްކަތެއް ކުރުމަށް ގަސްތުކުރައްވާތީ، ބޯޑުގައި އިންނެވުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާތީއެވެ.

އާސިފް ޕީއެސްއެމްގެ ބޯޑުން އިއްޔެ އިސްތިއުފާ ދެއްވާފައި ވަނީ، ސަން ގްރޫޕްގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ޓީވީ އަލުން ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅުގައެވެ. އެ ސްޓޭޝަން އަލުން ހުޅުވުމުގެ މަސައްކަތް ފަށާފައި ވާއިރު، އެކަމުގައި ސަން ޓީވީ އާ ގުޅިގެން އާސިފް، އޭނާގެ އަމިއްލަ މީޑިއާ ހައުސް ކަމަށްވާ "މޮންދު ޕްރޮޑަކްޝަންސް" އާ އެކު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ބައެއް މީޑިއާތަކުގައިވާ ގޮތުން، ސަން ޓީވީ އަލުން ހުޅުވާއިރު، އެ ތަން ހިންގުމާ ހަވާލުވެ ވަޑައިގަންނަވާނީ އާސިފެވެ. ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ދައްކަވާފައި ނޯންނާނެ ކަމަށާއި، އޭނާ މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަން ޓީވީ އަލުން ވުޖޫދުކުރުމުގެ މަސައްކަތް ކަމަށް އާސިފް ވިދާޅުވިއެވެ.

30 އަހަރު ވަންދެން ބްރޯޑްކާސްޓިންގެ ދާއިރާގައި އާސިފް ވަނީ އެކި މަސައްކަތްތައް ކުރައްވާފައެވެ. އެގޮތުން ޓީވީއެމްގައި 23 އަހަރު ވަންދެން މަސައްކަތް ކުރައްވައި، ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަމިއްލަ ސްޓޭޝަން ވީޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމުގެ މަގާމު ފުރުއްވާފައި ވެއެވެ.

ގައުމީ އަރުޝީފުގެ ބޯޑުގެ ރައީސްކަން ކުރައްވާ އާސިފް ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުނަރުވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލް ކުރައްވާފައެވެ.