ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އެރުމުން ފަރަށް ގެއްލުން ބެލުމަށް އަންނަ ހޮނިހިރު ދުވަހު ސާވޭ ކުރަން ފަށާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައި ހުރި ގެއްލުން ބެލުމަށް ކުރާ ސާވޭ އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ.

ޕްލެޓްފޯމު ފުންކުރުމުގެ މަސައްކަތް ނިމުނު ނަމަވެސް އެ ސަރަހައްދު ސާފުކޮށް، އެ ސަރަހައްދުގައި ހުރި ދަގަނޑުތައް ނެގުމުގެ މަސައްކަތް އަދި ކުރިއަށް ދާއިރު ނައީމް ވިދާޅުވީ، މި މަސައްކަތް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނައީމް ވަނީ ވިދާޅުވިއެވެ. އަދި ސާފުކޮށް ނުނިމުނަސް ސާވޭ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ނައީމް ފާހަގަކުރެއްވިއެވެ.

ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ޕްލެޓްފޯމް ފަރަށް އެރި ހާދިސާ ހިނގީ، ޕްލެޓްފޯމު އޮތް ސަރަހައްދަށް ގެންގޮސް އޭގެ "އެންކާ ސްޕަޑްތައް" ނުވަތަ ފައިތައް ގާއިމް ކުރަން އުޅުމުގެ ތެރޭގައި އޮއި ގަދަވެގެން ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު މި ހާދިސާގައި އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.