ހިލޭ ޑިގްރީގެ ފުރުސަތު 15،000 ދަރިވަރަކަށް ފަހިކޮށްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރަން ތައުލީމީ ގާބިލު ދަރިންތަކެއް އުފެއްދުން ކަމަށެވެ.
ހިލޭ ޑިގްރީ ސްކީމުގައި 15،000 ދަރިވަރުން ބައިވެރިވުމާ ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ދަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ. އެގޮތުން ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދަރިވަރުންނަށް ބަލާއިރު 2019 ވަނަ އަހަރު 4,804 ދަރިވަރަކު އަދި 2020 ވަނަ އަހަރު 4،818 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު: 3،301 ދަރިވަރަކު ބައިވެރިވިއިރު 2022 ވަނަ އަހަރުގެ މިހާތަނަށް 2،077 ދަރިވަަރަކު ވަނީ ބައިވެރިވެފައެވެ.
ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000 އަށް ހަމަވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާ ކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށާއި އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެއްޖެކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ސްކީމުގެ ބޭނުންކޮށްގެން 2023 ގެ ނިޔަލަށް 5000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ފުރިހަމަކުރާނެ ކަމަށާއި އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ހިލޭ ޑިގްރީ ފުރިހަމަކޮށް، ގައުމީ ހިދުމަތަށް ނިކުންނާނެ ކަމަށެވެ.
ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަތުން 2 އެއްބައި ނަގާފަ, ހިލޭ ޑިގްރީގެ ސްކީމެއްގަ ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަނި, ކޮވިޑް ދުވަސްވަރު ރާއްޖޭން ބޭރުގަ ތިބިމީހުން ސަރުކާރުން ގެނެސް ދިނީއޭ ބުނާ އުސޫލުން.