ހަރުކަށި ފިކުރުގެ އަމަލުތައް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތަކާ އެކު، އެފަދަ އަމަލުތައް ހުއްޓުވަން ހާއްސަ ފައުޖެއް އުފައްދަން ގޮވާލައި މަޖިލިހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވައި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، ހަރުކަށި އަމަލު ހިންގާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާތައް ފަހަތަށް ޖެހިފައިވާ ކަމަށާއި، ހަރުކަށި ފިކުރުން ސަލާމަތްވުމަށްޓަކައި އާ އިންތިޒާމެއްގެ ދަށުން ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ވަހީދު ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާފައިވާ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ދީނުގެ ނަމުގައި އަނިޔާވެރި އަމަލު ހިންގައި، މަރަން ފަސްނުޖެހޭ 1،400 މީހުން ތިބިކަމަށް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ވިދާޅުވުން
  • މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ، ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލަދިނުން
  • ހަތިޔާރާއި ގޮވާތަކެތި އުފައްދައި، އެކި ފަރާތްތަކަށް އަމާޒުކޮށް މީގެ ކުރިން ވެސް ހަމަލަދީފައިވުން

އެއާއެކު، ހަރުކަށި ފިކުރު ހުއްޓުވުމަށް ކުރަންޖެހޭ ބައެއް ކަންކަން ވެސް ވަހީދު ހިމަނުއްވާފައިވެއެވެ. އޭގެ ތެރޭގައި:

  • ސަލާމަތީ އަދި ތަންފީޒީ ބާރުތައް އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުން
  • އެ ފައުޖުން މިސްކިތްތަކާއި ސްކޫލް ފަދަ ތަންތަން ބަލަހައްޓަން ފެށުން
  • އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން، ދީނި ތައުލީމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގަނީ މަޝްހޫރު ގިނަ އިލްމުވެރިން އިއްތިފާގުވާ އިންތަކުގެ ތެރެއިންކަން ކަށަވަރުކުރުން

އެ މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 25 މެންބަރުން ވަނީ ފާސްކޮށްފައެވެ.