މި އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވި މީންނާ ދެކޮޅަށް ބަޔަކު ހިންގި ޢަމަލުތައް ހިނގާ ދިޔުމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުން ލަފާ ދީފިއެވެ.

ވަޒީރުންގެ މަޖިލީހުން އެގޮތަށް ލަފާދިނީ އެ މައްސަލަ ބެލުމަށް އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނާފައި ވާއިރު، 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައި ވެއެވެ. މިގޮތުން ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވާ ދާއިރާތަކުގެ ތެރޭގައި، ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތާއި، ދީނީ ގޮތުން ހިލާފް އުފެދޭ ކަންކަމުގައި ޢަމަލުކުރާނެ ސިޔާސަތު އެކުލަވައިލުމާއި، އިވެންޓްތައް ރާވައި އިންތިޒާމުކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަށް މަގުފަހި ކުރުވާ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއެވެ.