އަންނަ ނޮވެމްބަރުގެ ކުރީކޮޅަށް ނިންމަން ޖެހޭ ތ. ވޭމަންޑޫ ސްކޫލްގެ އިމާރާތުގެ މަސައްކަތް، އެ ސްކޫލްގެ ފުރަތަމަ ބުރީގެ ތަނބުތަކާ ހިސާބުން ހުއްޓިފައި އޮންނަތާ ދެ މަސްދުވަސް ވެއްޖެ ކަމަށް، އެ ރަށު ކައުންސިލުން ބުނެފިއެވެ.

ވޭމަންޑޫ ސްކޫލްގެ ތިން ބުރީގެ އިމާރާތުގެ މަޝްރޫއު މިދިޔަ އަހަރުގެ އޮގަސްޓް 18 ގައި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކުރެވިފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެއްބަސްވުމުގައި ސޮއިކުރިތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް ސެޕްޓެމްބަރު 20 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ އަންނަ ނޮވެމްބަރު 3 ގެ ނިޔަލަށެވެ.

އެހެންވެ، ވޭމަންޑޫ ސްކޫލް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސާފުކޮށްދެއްވުމަށް އެދިވަޑައިގެން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ފޮނުއްވި ސިޓީގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެ ސްކޫލްގެ ތިރީ ފަންގިފިލާގެ ތަނބުތަކުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް، އެ ސްކޫލްގެ އިމާރާތުގެ މަސައްކަތްތައް އަވަސްކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، އެ މަޝްރޫއުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ނާސާ ލިންކަށް ހަތް ދުވަސް ދީ، މިދިޔަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތުގައި އެކަށީގެންވާ ފިޔަވަޅެއް ނާޅައިފިނަމަ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ރަށު ސްކޫލްގެ އިމާރާތުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ މަސްދުވަސް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތްތައް ކުރިއަށް ނުދާތީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ނާސާ ލިންކާ ދެމެދު ދެ ފަހަރެއްގެ މަތިން ވާހަކަ ދެކެވިފައިވެއެވެ.

"އެ ޑިއު ޑޭޓަށް (ނޮވެމްބަރަށް) ނުނިންމައިގެން ދެ ފަހަރެއްގެ މަތިން މިނިސްޓްރީ އާއި ކޮންޓްރެކްޓަރާ ވާހަކަ ދެކެވުނު ކަމަށް މައުލޫމާތު ލިބިފައި އޮތީ." ރަޝްވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރު ކުރި ހަމަ އެކަނި މަސައްކަތަކީ ވޭމަންޑޫ ސްކޫލްގެ އިމާރާތުގެ ފައުންޑޭޝަން ޖަހާފަ، ފުރަތަމަ ފަންގިފިލާ (ތިރީ ފަންގިފިލާ) ގެ މަސައްކަތެވެ.

އެ މަޝްރޫއުގެ ތަފްސީލް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް މެސެޖު ކުރުމުން، ނާސާ ލިންކާ ވާހަކަ ދެކެވެމުންދާ ކަމަށް އެ މިނިސްޓްރީން ބުނި ކަމަށް ވެސް ރަޝްވާން ވިދާޅުވިއެވެ. އެ އަށް ބާރުދީ އެޑިއުކޭޝަން މިނިސްޓްރީން "ދަ ޕްރެސް" އަށް މިއަދު ބުނީ، އެ މިނިސްޓްރީން އެ މައްސަލައިގައި ނާސާ ލިންކާ ވާހަކަ ދެކެވިފައިވާ ކަމަށާއި، ވޭމަންޑޫ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިންމާ ތާރީހު ފަސްކޮށްދިނުމަށް އެ ކުންފުނިން އެދިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ވޭމަންޑޫ ސްކޫލްގެ އިމާރާތުގެ އިތުރުން އެ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ރިޔާޒް މިއަދު ސާފުކުރެއްވިއެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ރިނޮކޮން އާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ހިނގަމުން ދަނީ އެ ތަން ހިޔާ ކުރުމާއި ކޮންކްރީޓްގެ މަސައްކަތް ކަމަށާއި، އަންނަ ޑިސެމްބަރު މަހު އެ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށް، ރިޔާޒްގެ ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވިއެވެ.