މަސްވރިކަމުގެ ސިނާއަތަށް ބަލައިގެން ދިވެހިންނަށް ނަފާ ހޯދެން އޮތް ރައްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު ހިމާޔަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ކަނޑުގެ ސަރަހައްދު މީގެ ކުރިން ބެލެހެއްޓިފައި ނުވާއިރު ކަނޑުގެ ސަރަހައްދަކީ މިއަދުވެސް ރައްޔިތުން އިގްތިސޯދީ ފައިދާ ހޯދަން އޮތް ސަރަހައްދު ކަމަށެވެ. ނަމަވެސް އެތަނަކުން [އިގްތިސޯދީ ސަރަހައްދު] އެކަށީގެންވާ ގޮތުގައި މަސްވެރިކަން ނުކުރެވޭ ކަމަށާއި މީގެ ކުރިން އެ ސަރަހައްދު ބަލަހައްޓާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ޓޫރިޒަމްގެ ދާއިރާއަކީ ރާއްޖެއަށް އެންމެ މުހިންމު ދާއިރާ ކަމުގައި ވި ނަމަވެސް، މަސްވެރިކަން ފުޅާ ކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވުރެވެސް ފައިދާވާނެ ދާއިރާއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިގްތިސޯދީ ސަރަހައްދަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިމާޔަތް ކުރަންޖެހޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ސަލާމަތްކުރުމަށްޓަކައި ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ވެސް މި ކަނޑުގެ ސަރަހައްދު ބަލަހައްޓަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން މިއަދާ ހަމައަށް ވެސް ނުވެ އޮތް ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެހެން ބަޔަކު ގެނެސްގެން އެ ސަރަހައްދު ބެލެހެއްޓުމަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.
އަމިއްލަ ގޯތީގެ އިންފާރުގެ ތެރޭގެ ކަންކަން ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކުތޯ ނުވަތަ އަމިއްލަ ކެޕޭސިޓީ އިތުރުކޮށްގެން ތޯ އެއީ މިއަދު އުފެދިފައިވާ ސުވާލެއް ކަމަށް ވިދާޅުވަމުން ރައީސް ވަނީ އެހެންކަމުން އަމިއްލަ ބާރުގައި، އަމިއްލަ ކެޕޭސިޓީގައި މި ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވެރިކަމަސް ވަޑައިގަތުމަށް ކެމްޕެއިން ކުރެއްވި ދުވަސްވަރު ވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ވަރަށް ފުލާ ދައިރާއެއްގައި ވާހަކަ ދައްކަވާފައެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ވެވަޑައިގަތް ވައުދުފުޅުގެ ތެރޭގައި ވެސް ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް މަސައްކަތް ކުރުމާއި ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރައްވާނެ ކަަމަށް ވަނީ ވިދާޅުވެފައެވެ.