ތ. ވޭމަންޑޫގައި ސައިކަލެއް ޓޯ ކުރި މައްސަލައާއި ގުޅިގެން ފުލުހުން މުއާމަލާތް ކުރި ގޮތް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ތ. ވޭމަންޑޫގައި ދުއްވާ އެއްޗެހި ވަނުން މަނާކޮށްފައި އޮތް ސަރަހައްދަކަށް ސައިކަލުގައި ވަނުމުން އެ އުޅަނދު ޓޯ ކުރި މައްސަލައެއްގައި ފުލުހުން އަމަލު ކުރި ގޮތާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ދައުރުވެފައެވެ.

އެ ސައިކަލު ދުއްވި ފިރިހެން މީހާގެ އާއިލާ މީހެއް ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ގޮތުގައި އެ ފިރިހެން މީހާއަށް 18 އަހަރުވީ ވަރަށް ފަހުން ކަމަށާއި އެ ރަަށަށް ދިޔައީ ސައިކަލު ލައިސަންސް ނެގުމުގެ އިތުރުން އީދު ޗުއްޓީ ހޭދަކުރުމަށެވެ. އަދި އެ ސަރަހައްދަކީ ބަންދު ސަރަހައްދެއްކަން ނޭނގޭ ކަމަށާއި އޭނާ ލައިސަންސު ނެތި ސައިކަލު ދުއްވުމަކީ ގަވާއިދާ ހިލާފު އަމަލެއް ކަން ފާހަގަކޮށް އެކަމަކީ ގޯސްކަމެއް ކަން ގަބޫލު ކުރާ ކަމަށް އެ ވީޑިއޯ ހިއްސާ ކުރި މީހާގެ ދައްތަ ބުނެފައި ވެއެވެ.

އަދި ޓޯ ކޮށް ޖޫރިމަނާ ކުރުމަކީވެސް އެކަމުގެ އަދަބުކަން ގަބޫލުކޮށް، ފުލުހުން އެދުނު ގޮތަށް ޖޫރިމަނާ ދެއްކުމަށް އެއްބަސްވެ އެ ފައިސާ ދެއްކުމަށް ފުލުހުންގެ އިދާރާއަށް ވަނުމުން އެވަގުތު އެ ތަނުގައި ހުރި ފުލުހުންގެ އޮފިސަރު އޭނާއަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމުގެ ތުހުމަތު ވަނީ އެ ޕޯސްޓުގައި ކޮށްފައެވެ. އަދި އެކަން ހިނގާފައިވަނީ އިހަކަށް ދުވަހު 18 އަހަރު ވީ ކުއްޖަކަށް ކަމަށާއި އެފަދަ ކުއްޖަކާ އެހާ ހަޑި ހުތުރު ބަހުން ވާހަކަ ދެއްކުމުން އެ ކަން އޭނާގެ އާއިލާއިން ވަނީ ކުށްވެރިކޮށްފައެވެ.

https://www.tiktok.com/@queeen_modesty/video/7382403987988827400?_t=8nO8CriEPf5&_r=1

އަދި ކަމެއް ގޯސްކޮށް ދިޔަ ނަމަވެސް ފުލުހެއްގެ ހައިސިއްޔަތުން ހުތުރު ބަހުން ވާހަކަ ދެއްކުމަކީ އެފަދަ މަގާމެއްގައި ހުރި މީހަކު ކުރަންވާނެ ކަމެއް ނޫން ކަމަށް ސައިކަލު ދުއްވި ކުއްޖާގެ ދައްތަ ހިއްސާ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް އެ އަންހެން މީހާ ވަނީ 2019 ވަނަ އަހަރު އެ ރަށުގައި އޭނާއަށް ދިމާވި ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ފުލުހުންގެ ނުފޫޒުން ނުބަލާކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭނާގެ ކޮއްކޮއާ މުއާމަލާތް ކުރި ފުލުސް މީހާ ހުރީ އެ މައްސަލައާ ހެދި ހިތްހަމަނުޖެހިފައިކަން އެނގޭ ކަމަށްވެސް އޭނާ ވަނީ ވީޑިއޯގައި ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، 2024 ޖޫން 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެ އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައި ދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތި ސައިކަލު ދުއްވުމާ ގުޅިގެން ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯ ކުރި ކަމަށެވެ.

މި މައްސަލާގައި، މުއާމަލާތް ކުރުމުގައި ހިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ބަލަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ހިދުމަތުން ވަނީ އަރުވާފައެވެ.