23 ދުވަސް ތެރޭ ތ. ވޭމަންޑޫ ބިން ހިއްކުން ނިންމާލައިފިއެވެ.

މިމަސައްކަތް ނިންމާލިކަން އިއުލާންކޮށްދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 27 ހެކްޓަރުގެ ބިން ހިއްކާނިމިފައިވާކަމަށެވެ.

ތ. ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލް އިން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. މިމަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެމްއޭސީއެލް އިން ބުނީ ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެ ކުންފުނިން ބޭނުންކުރީ "ފިލީޕޯ ބްރޫނެލޭޝީ" ޑްރެޖަރެއްކަމަށެވެ. މިއީ އެއްފަހަރާ 11،300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.