ތ. އަތޮޅުގެ ވެރިރަށް ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލެވި އެއްފަސްވުމުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް އެ ރަށުގެ ރައްޔިތުންނަށް ފަހިވެގެން ދާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ކިނބިދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ވަނީ އެ ރަށާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލައްވާނެ ކަމަށާއި، އެކަމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

ސާނަވީ ތައުލީމު ހާސިލްކުރުމަށް ފަހު ރަށުގައި ހުރެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދި އައިޝަތު ވަސީލާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަށުގައި ހުރެ މަތީ ސާނަވީ އަށް ކިޔެވޭގޮތް ފަހިވެފައި އޮތުން މުހިންމުކަމަށާއި، ނަމަވެސް ކިނބިދޫގައި އެކަމަށް ބޭނުންވާ ވަސީލަތްތައް މަދު ކަމަށެވެ.

ރައީސް ވިދާޅުވީ، ވޭމަންޑުއާ ކޯޒްވޭއަކުން ގުޅާލުމުން ކިނބިދު އިން ވޭމަންޑު އަށް އެއްގަމުން ދާން މަގުފަހިވެގެން ދާނެ ކަމަށާއި، އޭރުން މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ކިނބިދޫގެ ރައްޔިތުންނަށް ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކިނބިދޫގެ ރައްޔިތުންނަށް މަތީ ތައުލީމު ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެހެން ގޮތްގޮތަށް ވެސް ވިސްނާވަޑައިގަންނަވާނެ ކަމަށެވެ.

މަތީ ތައުލީމު ހާސިލްކުރުމަށްޓަކައި ޔުނިވާސިޓީ ފަދަ މަރުކަޒެއް ގާއިމްވުމަށް އެދޭ ކަމަށް ވަސީލާ ބުނުމުން ރައީސް ވިދާޅުވީ، ކިނބިދު އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވި އެއްފަސްވެ އާބާދީ ބޮޑުވުމުގެ ސަބަބުން އެ އަތޮޅުގެ އެހެން ރަށްރަށުން ވެސް މީހުން މަތީ ތައުލީމު ހާސިލްކުރުމަށް އަންނާނެ ކަމަށާއި، އެމަނިކުފާނު މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ