ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގައި ދިރިއުޅެމުން ދިޔަ ފައުޒިއްޔާ ނިޔާވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

އޭނާ ވަނީ ދިވެހި އެތައް ފިލްމަކާއި އެތައް ޑްރާމާއެއްގައި މަސައްކަތް ކޮށްފައެވެ.

މިގޮތުން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ހައްދު"، "ވާ ލޯބި އެނގޭ ނަމަ"، "ދިން ވޭނުހެ ހިތާމައިގައި"، "ދޮންކަމަނަ"، "ލޯތްބަށްޓަކާ" އަދި "ޔޫސުފް" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު ބައިސްކޯފުން ސްޓްރީން ކުރި މަދޮށިޕްގެ "ފަރީ" އިންނެވެ.

ފައުޒިއްޔާގެ ދިގުތާރީހެއްވެސް އޮވެއެވެ. އެގޮތުން އޭނާ އަކީ، 1994 ވަނަ އަހަރު ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކޮށް ނުހައްގުން އެތައް ދުވަހެއްވާންދެން ޖަލުގައި ބެހެއްޓި މީހެކެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓުން 1994 ވަނަ އަހަރު ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ ހައްޔަރު ކުރީ އިންޑިޔާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންގެ ސައެންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަނަންއާ އެކުއެވެ. އެމީހުންނަށް ތުހުމަތު ކޮށްފައި ވަނީ ނާޔަރަނަން މެދުވެރިކޮށް، އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރަށް ހޯދައިދީ އެ ސިއްރުތައް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށް ދޭން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ތިން މީހުން ހައްޔަރުކޮށް ޖަލަށްލައި ނުހައްގުން އެތައް އަނިޔާތަކެއް ވަނީ ކޮށްފައެވެ. އެ މީހުން ޖަލުން ސަލާމަތް ވެފައި ވަނީ 2 އަހަރު ފަހުން އިންޑިޔާގެ މަރުކަޒީ ތަހުގީގީ އިދާރާ ކަމުގައިވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ ތަހުގީގުން އެ މައްސަލައަކީ ކެރެލާގެ ފުލުހުން އުފަން ކުރި އަސްލެއް ނެތް މައްސަލައެއްކަން ހާމަވުމާ ގުޅިގެންނެވެ.