ފުލުހުންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.\
ސީޕީ މިހެން ވިދާޅުވީ، ފުލުހުންނަށް ހާއްސަކޮށް ބޭއްވި ނަފްސާނީ ދުޅަހެޔޮކަމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަގައެވެ.
ސީޕީ ވިދާޅުވީ، ހުރިހާގޮތަކުން ދުޅަހެޔޮ މުވައްޒަފުންތަކެއް ބިނާކުރުމަށްޓަކައި އަދި އެކަން އެގޮތަށް ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަންތައްތަކެއް ރާވާފައިވާކަމަށެވެ. މިގޮތުން މި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
އަދި މިހާރަކަށް އައިސް ފުލުހުންނާއި ފުލުހުންގެ މަސައްކަތަށް އޮންނަ ޑިމާންޑާއި ފުލުހުންގެ މަސައްކަތް ފުޅާވެ އިޖުތިމާއީ އެތައް ކަމަކަށް ފުލުހުން އެޓެންޑުކުރަންޖެހޭ ޖެހުމާ އަދި ކޮންމެ ހާލަތެއްގައި އެއީ ކުށްކުރުމާ ސީދާ ގުޅުންނެތް ކަމަކަށް ވިޔަސް އެކަންކަމާ ފުލުހުން ކުރިމަތިލުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް މި ކަންކަން އިތުރުވަމުން އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭގެ އިތުރުން، މުޖުތަމައުގައި ހުރި އިޖުތިމާއި ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި ކަންކަމާ އަދި އިޖުތިމާއި އެކި މައްސަލަތަކާ ގުޅިގެން ގޭބިސީތަކާއި އާއިލާތަކުގެ ތެރޭގައާއި މުޖުތަމައު ނުވަތަ ރަށެއްގައި ހުންނަ ކަންކަމާ ގުޅިގެންވެސް ފުލުހުން އެ ކަންކަމާ ކުރިމަތިލައި އެ ކަންކަމާ ޓެކުލްކުރަން އުޅޭއުޅުން އިތުރުވެގެން އަންނަ އައުމުގެ ތެރެއިން، ފުލުހުންނަށް ވެސް އޭގެ ނޭދެވޭ ވަަރަށްގިނަ އަސަރުތަކެއްކުރާކަން ފާހަގަކުރެވޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު މައުލޫމާތު ދީފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން ދަށުގެ އޮފިސަރުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެ ސެޝަންގައި މައުލޫމާތުދެއްވީ މިޕްސްޓާގެ ފަރާތުން ޑރ. އާއިޝަތު އަލީ ނާޒްއެވެ.
މިގޮތުން، ނަފްސާނީ ދުޅަހެޔޮކަމާއި އެކަމުގެ މުހިންމުކަމާ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތްކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މުއައްސަސާ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އޮންނަ ސްޓިގްމާ ދެނެގަންނާނެގޮތާއި އެ ކަންކަން ނައްތާލުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައި ވާ ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމްގައި، މާލެއާއި އަތޮޅުތެރެ ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.