ވޯލްޑް ކަޕް 2022 އާއި ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެއްމެ ބޮޑު ފެސްޓިވަލް މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ، މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކުންފުނީގެ ފަރާތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ 4 ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާވައިފާވާއިރު ސެންޓްރަލް ޕާކާއި ހިޔާ ސަރަހައްދާއި ރުއްގަނޑު 1 އަދި ރުއްގަނޑު 2 ގައި އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި މެޗުތައް ބަލާލުމުގެ އިތުރުން ހާފް ޓައިމްގައި އެކި ހަރަކާތްތައް ރޭވިފައިވާއިރު ހަފުތާ ބަންދު ދުވަސްތަކާއި މުހިއްމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޑީސީއިން ވަނީ ނިންމާފައެވެ.

އެޗްޑީސީއިން އިތުރަށް ބުނީ ސްކޯ ދިމާކުރުމާއި މެޗުތައް ބެލުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިން އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވުމަށް އެޗްޑީސީއަށް އީމެއިލް ކުރަން އެ ކުންފުނިން ވަނީ އެދިފައެވެ.