ގުޅީފަޅު ބިން ހިއްކަން ދިވެހި ސަރުކާރުން ނެގި 101 މިލިއަން ޔޫރޯ (1.65 ބިލިއަން ރުފިޔާ) ލޯނު އަނބުރާ ދައްކާއިރު އިތުރު 500 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މާލިއްޔަތު ކޮމިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ގުޅީފަޅު ބިން ހިއްކަން ދިވެހި ސަރުކާރުން 1.65 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައި ވަނީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މި ލޯން ނެގުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރީ ނެދަލެންޑްސްގެ ބޭންކުތަކެއް ކަމަށްވާ އޭކޭއޭ ޔޫރަޕިއަން އެސްޕޯޓް ޓްރޭޑް ބޭންކާއި އައިއެންޖީ ބޭންކާއި އޭބީއެން އޭއެމްއާރުއޯ ބޭންކްއާ އެކުގައެވެ.
މާލިއްޔަތު ކޮމިޓީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ލޯނު އަނބުރާ ދައްކާ އިރު ޖުމްލަ 2 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެއީ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މީގެ އިތުރުން އިންޓްރެސްޓްގެ ގޮތުގައި އެކަނި 250 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އިތުރު ފީތައް:
- މެނޭޖްމެންޓް ފީ: 0.75 ޕަސެންޓު
- ކޮމިޓްމެންޓް ފީ: ލޯނު ނެގި އަދަދުގެ 0.45 ޕަސެންޓް
- އެޖެންސީ ޕީ: 40،000 ޑޮލަރު (ހަ ލައްކަ ރުފިޔާ)
މި ލޯނު ނަގާފައި ވަނީ ސީއައިއާރު އިންޓްރެސްޓް ރޭޓެއްގެ ގޮތުގައި 1.2 ޕަސެންޓުގައެވެ.
މި ލޯނު އަނބުރާ ދެއްކުމަށް ކަނޑައަޅާފައި ވަނީ 10 އަހަރުން ކަމަށް ވާއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި އެއް އަހަރާއި ހަ މަސް ވަނީ ދީފަފައެވެ.
ގުޅީފަޅު ބަނދަރު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2019 ގައި ބޮސްކާލިސްއާ ވަނީ 817.26 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ. އަދި ބޮސްކާލިސްއާއެކު ސަރުކާރުން އެއްބަސްވެފައި ވަނީ 6 މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާ ގޮތަށް ނަމަވެސް އެކަން ނުވެ 2020 ގެ މެދުތެރޭގައި އެ މަސައްކަތް ފެށި އިރު ކުރިއަށް ނުގޮސް މަސައްކަތް ވަނީ ހުއްޓިފައެވެ.
މިހާރު ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވާއިރު، އެތަން ހިއްކާ އުފައްދާ ބިމުން 3،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ ވެރިކަމެކޯ.......!