އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާތަކުގެ އިންތިހާބު އަންނަ ނޮވެމްބަރަށް ފަސްކޮށްފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޕީއެމްގެ އިލެކްޝަން ކޮމިޓީގެ ޗެއާ އަހްމަދު ރަޝީދު ވިދާޅުވީ، އަންދާޒާކުރި ވަރަށް ވުރެ ދާއިރާތަކުގެ އިންތިހާބަށް ލިބުނު ތަރުހީބު ބޮޑު ކަމަށެވެ. އެހެންވެ، އަންނަ މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4 ޖަހަންދެން ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން އޮތީ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާ ގޮތަށެވެ.
ރަޝީދު ވިދާޅުވި ގޮތުގައި، ތަރުހީބު ލިބުމުގެ އިތުރުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ދިނުމަށް ބޭއްވި ޖަލްސާގައި ބައިވެރިވުމަށް މެންބަރުން މަސައްކަތް ކުރަން ޖެހުމުން، އިންތިހާބަށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ރަށްރަނުން ބުނުން، އެއީ އިންތިހާބު ފަސްކުރި ދެވަނަ ސަބަބެވެ.
"މިއަދާ ހަމައަށް އައި އިރުގަ އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ވެސް މި އިންތިހާބަށް ލިބޭ ތަރުހީބު ރަނގަޅު." ރަޝީދު ވިދާޅުވިއެވެ.
ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މެންބަރުންގެ އިތުރުން، ޕާޓީ އަށް އަލަށް ވަންނަން ބޭނުންވާ 4،000 މީހުންގެ ފޯމް ވެސް މި މުއްދަތުގައި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ބައެއް ރަށްރަށުން ދާއިރާގެ ރައީސް ކަމަށް ހަތަރު ބޭފުޅުން ތިން ބޭފުޅުން ކުރިމަތިލައްވާފަ ތިބި ދާއިރާތައް ވެސް އެބަހުރި." ރަށްރަށުގެ ކަންކަން އޮތް ގޮތުން ހުރިހާ ރަށަކުން ވެސް ވަގުތު ދިނުމަށް އެދެމުންދާ ކަން ރަޝީދު ފާހަގަކުރެއްވިއެވެ.
އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާ މެންބަރުންނަށް ފޯމް ހުށަހެޅުމުގެ މުއްދަތު ފަސްކުރުމުގެ އިތުރުން، އިންތިހާބު ބާއްވާ ތާރީހު ވެސް ވަނީ އޮކްޓޯބަރު 15 އިން ނޮވެމްބަރު މަހުގެ 5 އަށް ބަދަލުކޮށްފައެވެ.
އިދިކޮޅުން ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމަށް ފަހު ބުނީ،، އެ އިންތިހާބުގައި ހޮވާނީ ކޯލިޝަންގެ 87 ދާއިރާގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، ކޮންމެ ރަށަކުން ޒުވާނުންގެ ގޮފީގެ ރައީސަކާއި އަންހެނުންގެ ގޮފީގެ ރައީސެއް ކަމަށެވެ.
ދާއިރާތަކުގެ އިސްވެރިން ހޮވަން އިންތިހާބެއް ބާއްވަން ނިންމާފައިވާއިރު އަންނަ ރިޔާސީ އިންތިހާބަށް އެ ކޯލިޝަނުން ދަނީ ބޮޑެތި ތައްޔާރީތައް ވަމުންނެވެ.