މެޑިކަލް ސައިންސް ކުރިއަރާ އާ ހޯދުންތައް އާންމުވަމުން އަންނަ އިރު، އަންހެނުންގެ ދަރިމައިވުމާއި އަންހެން މީހާގެ އުމުރާ ގުޅޭ މުހިންމު ހޯދުމެއް މިހާރުވަނީ ހޯދާފައެވެ. ދަރިވަމައިވުމަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް އިންޓްރާޔުޓެރައިން އިންސެމިނޭޝަން (އައިޔޫއައި) އާއި އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަދަ ޓެކްނޮލޮޖީ މިހާރުވެސް ބޭނުން ކުރާ އިރު، އުމުރުން 30 އަހަރުން މަތިވުމުން ބަލިވެ އިނުމަށް ބޭނުންވާ ގިނަ ބަޔަކަށް އެމަގު ވަނީ ފަހިވެފައެވެ. އެހެންނަމަވެސް އަންހެނާގެ އޯވަރީ އަކީ ހަށިގަނޑުގެ އެހެން ސެލްތަކަށް ވުރެ މާ އަވަހަށް މުސްކުޅިވާން ގުނަވަނެއްކަން މިއަދުގެ ސައިންސުން ހޯދާފައި ވީ ނަމަވެސް އެކަން ދިމާވާ ސަބަބު ހޯދުމަށް ކުރެވިފަވާ ދިރާސާތައް ވަރަށް މަދެވެ.
މިހާރު ދިރާސާވެރިން ދަނީ ދަރިމައިވުމާއި މުސްކުޅިވުމާ އޮންނަ ގުޅުން ދެނެގަންނަމުންނެވެ. ދާދި ފަހުން ދެނެގަނެވިފައި ވާ ގޮތުން މެނޮޕޯޒް ނުވަތަ ހަށިގަނޑުގެ ހޯމޯންއަށް އަންނަ ބަދަލަކާ އެކު މައްސަރުކަންތައް ހުއްޓުން ނުވަތަ ޕީރިއަޑްވުން ހުއްޓެން ދިމާވުމުނުން، އެކަން ދިމާ ނުވާ އެހެން މީހުންގެ އުމުރާއި އެމީހުންގެ އުމުރު ތަފާތުކަން ވަނީ ހޯދާފައެވެ.
އެމެރިކާގެ ކެލިފޯނިއާގެ ބިޔުކް އިންސްޓިޓިއުޓް ފޯ ރިސާޗް އޮން އޭޖިންގް ގެ އެސިސްޓެންޓް ޕްރޮފެސަރު ޖެނިފާ ގެރިސަން ވިދާޅުވަނީ، ފިޒިއޮލޮޖިކަލް ރިޕްރޮޑަކްޓިވް އޭޖިންގް ޕްރޮސެސް ނުވަތަ އޯވަރީ މުސްކުޅިވުމަށް މަގުފަހި ވަނީ، އޯވަރީ ކޯޓަކްސް ފޮލިކަލްތަކުގައި ހުންނަ އޫސައިޓް (އަންހެންމީހާގެ ހުންނަ ބަލި ދަރިފަނި) ތަކުގެ އަދަދާއި ކޮލިޓީ ދަށްވުމުންނެވެ. މިކަމުގެ ސަބަބުން އޯވަރީ މުސްކުޅިވުން އަވެސްވެ އަދި ހާއްސަކޮށް އުމުރުން 38 އަހަރަށް ފަހު ބައިފޭސިކް ޕެޓާންއަކާ އެކު މި އަދަދު އިތުރުވެއެވެ. ބައިފޭސިކް ޕެޓާން އަކީ، ދަރިމައިވުމަށް ބިސް އަށަގަތުމުގެ ކުރިން، އޯވަރީގެ ތެރޭގައި އުފެދޭ ހޫނާއެކު ބިސް އަށަގަންނަން ފަށާ މަރުހަލާއާއި ޕީރިއަޑް ވުމާ ދެމެދު ހުންނަ ބައްޓަމެކެވެ. އެއަށް ފަހު ދަރިފަނި އޯވަރީން ނިކުމެ ޣަރުބަގަތުމަށްޓަކައި އޮންނަނީ ފެލޯޕިއަން ޓިއުބްގައެވެ. އެެހެން ގޮތަކަށް ބުނާނަމަ އެއީ އޯވަރީން ޔުޓޭރަސް އަށް ދަތުރުކުރާ މަގެވެ.
"އޯވަރީ އަކީ އިންސާނާގެ ހަށިގަނޑުގެ އެހެން ބައިތަކާ އަޅާ ބަލާއިރު ވަރަށް އާދަޔާ ހިލާފު އެއްޗެއް, އޯވަރީޒް އަކީ އިންސާނާ އަވަހަށް މުސްކުޅި ކޮށްލާ އެއްޗެއް ކަމުގައި ގަބޫލު ކުރެވިދާނެ, އަންހެނަކު އޭނާގެ އެންމެ ފަހު ވިހީގެ އަހަރުތައް ނުވަތަ ތިރީހުގެ އަހަރުތައް ގުނަމުންދާ އިރު އޭނާގެ ހަށިގަނޑުގައި ބާކީ ހުންނަ ޓިޝޫތައް ހުންނާނީ އޭގެ ޕީކް ޕާފޯމެންސްގަ، އެހެނަސް އޭނާގެ އޯވަރީން ދާނީ މާކުރިންވެސް މުސްކުޅި ވާ ކަމުގެ ނިޝާންތައް ދައްކަމުން, ނަމަވެސް ގިނަ އަންހެނުންނަށް އެމީހުންގެ އޯވަރީ މަސައްކަތް ކުރަމުންދާ ގޮތުގެ އިހުސާސް ވާނީ ފުރަތަމަ ފަހަރަށް ބަލިވެއިންނަން ޕްލޭން ކުރާ ހިސާބުން, އެހާތަނަށް ގިނަ ފަހަރު އޮންނަނީ މާ ލަސްވެފަ'' އެސިސްޓެންޓް ޕްރޮފެސަރު
އުމުރުން ދުވަސްވީ އޯވަރީތަކުން ހަށިގަނޑަށް ކުރާ އަސަރު ދަރިމައިވުމަށް ވުރެ ވެސް ފުޅާވެ، ހާއްސަކޮށް މެނޮޕޯޒް ނުވަތަ މައްސަރު ކަންތައް ހުއްޓުމުން ބޮޑެވެ. މެނޮޕޯޒްގެ ސަބަބުން އޯވަރީ މަސައްކަތް ކުރުން ހުއްޓާލުމުން, އާންމު ސިއްހަތަށް މުހިންމު ހޯމޯންތަކެއް އުފައްދައި ދިނުން ހުއްޓާލައެވެ. އެކަމުގެ ސަބަބުން ދުޅަހެޔޮ އަންހެނަކަށް ވެސް ސްޓްރޯކާއި ހިތުގެ ބަލިތަކާއި ނިދި ނުލިބުމާއި ބަރުދަން އިތުރުވުމާއި އާތުރައިޓިސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމަށްވެސް އޭނާ ބުނެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ގަވައިދުން މައްސަރުކަންތައް ދިމާވާ އަންހެނުންގެ އުމުރު ދިގުވެ، ޑީއެންއޭ މަރާމާތު ކުރުމުގެ ގާބިލްކަން އިތުރުވެއެވެ. އެހެނަސް އުމުރުން 40 އަހަރުވުމުގެ ކުރިން ގުދުރަތީ ގޮތުން މޮނުޕޯޒްވާ އަންހެނުން މަރުވުމުގެ ފުރުސަތު, ގުދުރަތީ ގޮތުން މެނޮޕޯޒް ވާ އުމުރުން 50 އަހަރާއި 54 އަހަރާ ދެމެދު އަންހެނުންނާ އަޅާބަލާއިރު ދެގުނަ އިތުރެވެ.
އުތުރު އެމެރިކާގެ މެނޮޕޯޒް ސޮސައިޓީން ބުނާ ގޮތުގައި ގުދުރަތީ ގޮތުން މެނޮޕޯޒް ވާ މީހުންގެ އެވްރެޖް އުމުރަކީ 51 އަހަރެވެ. ގެރިސަން އާއި އެހެން ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ދަރިމައިވާ ބިސް އުފައްދާ މީހުންގެ އުމުރުން 50، 60، އަދި 70 އަހަރާ ހަމައަށް ދަރިމައިވުން ދިގުކޮށްދޭނެ ގޮތްތައް ހޯދިއްޖެ ނަމަ, އެމީހުންނަށް ދިގު އަދި ދުޅަހެޔޮ އުމުރެއް ލިބިދާނެއެވެ.
މީގެ އިތުރުން މި ކަމުގެ ސަބަބުން އަންހެނުންނަށް ނަސްލީ އިހްތިޔާރުތައް ލިބިގެންދާނެ ކަމަށާއި، ދިރިއުޅުމުގެ މައްޗަށް އިތުރު ކޮންޓްރޯލެއް ލިބިގެން ދާނެ ކަމަށްވެސް ބުނެއެވެ. އަދި ހަމަ އެއާއެކު، އުމުރާ ގުޅުން ހުރި ފުރާނައަށް ނުރައްކާ ވާ ތަފާތު ބަލިތައް ފެށުން ލަސްވެ، އުމުރު ދިގުވެދާނެ ކަމަށް ވެސް އެމީހުން ބުނެއެވެ.
މައްސަރު ކަންތައް ހުއްޓޭ ހުއްޓުމަށް ބަދަލު ގެނައުމަށް ވުރެ ދިރާސާވެރިންގެ އަމާޒު ބޮޑަށް ހުރީ ޒުވާން އުމުރުގައި އެ ކަން މެދުވެރިވާ ސަބަބު ދެނެގަނެ, ދަރިމައިވުމުގެ މުއްދަތު މަދު އަހަރުތަކަކަށް ނަމަވެސް އިތުރު ވާނެ ގޮތެއް ހޯދުމެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި މިއީ އެކަށީގެންވާ މަސައްކަތް ކުރެވިއްޖެ ނަމަ ހަސީލް ކުރެވިދާނެ ލަނޑުދަނޑިއެކެވެ.