އެދެނީ އެންމެ ތޫނުފިލި ކުދިން މުދައްރިއްސުންނަށް ވުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދަށު ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންނަށް ބާއްވާ "ޓޮޕް އެޗީވާސް" އެވޯޑް ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

ޑރ. އައިޝަތު ވިދާޅުވީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމައިލުމުން ދަރިވަރުންގެ ތައުލީމީ ހަޔާތް ނިމުނީ ނޫން ކަމަށާއި އެ ހިސާބުން އެ ފެށެނީ މަތީ ތައުލީމުގެ މަރުހަލާ ކަމަށެވެ. އަދި އެވޯޑު ދަރިވަރުންނަށް ލިބިފައިވަނީ އެ ދަރިވަރުން ދެއްކި ނުގުޑާ އަޒުމާއި ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެދެނީ ތިޔަ ކުދީންގެ ތެރެއިން އެންމެ ތޫނުފިލި ކުދީން މުދައްރިސުންނަށް ވުމަށް ކަމަށާއި ސަބަބަކީ ރަނގަޅު މުދައްރިސުން ނުއުފެއްދޭ ނަމަ މި ފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށްފަހު އަހަރެއް މަދުވަމުންދާނެތީ ކަމަށެވެ.

ޓީޗަރުންނަކީ ވަރަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވާ ބައެއް ކަމަށާއި ޓީޗަރުން ކުރަމުންދާ މަސައްކަތަކީ މުޅި ގައުމަށް އަދި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 40 އަހަރުކުރިން ޓީޗަރުންނަކީ ވަރަށް ގަދަރުވެރި ވަޒީފާއެއް ކަމަށް ވީނަމަވެސް އެ ހާލަތު ބަދަލުވީ އެހެން ވަޒީފާތަކުން ޓީޗަރުންނަށް ވުރެ ބޮޑު މުސާރަ ދޭން ފެށުމުން ކަމަށެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް މި ސަރުކާރުން ވަރަށް ބޮޑަށް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ތައުލީމުގެ އިތުރު ހަރުފަތްތައް ގިރާކުރުމުގެ ވަރުގަދަ އަޒުމުގައި އެ ކުދިން ކުރިއަށް ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.