އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފައި އޮތުމަށް ފަހު ކޯޓު އަމުރަކާ އެކު އެ އެކައުންޓް ދޫކޮށްލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، އެ އެކައުންޓް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ބެލެވެނީ އެ އެކައުންޓްގެ ވެރިފަރާތުން އެދިގެން ކަމަށެވެ. މިހާރު އެ އެކައުންޓް އަނެއްކާވެސް ފްރީޒް ކުރުމުގެ އަމުރަކަށް އެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ.

އެ ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުގެ އަމުރަކުންނެވެ. އެ އެކައުންޓް ދޫކޮށްލާފައި ވަނީ، ސިވިލް ކޯޓުން މި މަހުގެ 7 ވަނަ ދުވަހުގައި ނެރުނު އަމުރަކާ ގުޅިގެންނެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެ އެކައުންޓް ދޫކޮށްލި ކަން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފައެވެ.

އެސްއޯއެފްގެ އެ އެކައުންޓުގެ ތަފްސީލް ހާމަކޮށް 2019 ވަނަ އަހަރު ނެރެފައި ވާ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

ބޭންކު އޮފް މޯލްޑިވްސް، އެސްއޯއެފްގެ ޑޮލަރު އެކައުންޓުން ފައިސާ ފޮނުވި ބައެއް ފަރާތްތައް:

  • މިލީނިއަމް ކެޕިޓަލް ޑިވަލަޕްމަންޓް – 6.1 މިލިއަން ޑޮލަރު
  • ސީޖީޓީ ޕްރައިވެޓް ލިމިޓެޑް – 4.6 މިލިއަން ޑޮލަރު
  • ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް – 3.5 މިލިއަން ޑޮލަރު
  • އެމްއެމްޕީއާރުސީ – 3 މިލިއަން ޑޮލަރު
  • އަމިން ކޮންސްޓްރަކްޝަން – 2 މިލިއަން ޑޮލަރު
  • ރެޑްވޭވް – 1.5 މިލިއަން ޑޮލަރު
  • ވިލާ ޓްރެވަލްސް އެންޑް ޓުއާޒް – 700،000 ޑޮލަރު
  • ރިޔާޒު ރަޝީދު – 424،255 ޑޮލަރު

އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ. އެގޮތުން 166 އެކައުންޓަކަށް ފައިސާ ވަދެފައިވާ އިރު، އެ ފަރާތްތަކުގެ ތަފްސީލް ވެސް ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހިމެނެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެއް މިލިއަން ޑޮލަރަށްވުރެ ގިނައިން 12 ފަރާތަކަށް ވަނީ ޑޮލަރު ޖަމާކޮށްދީފައެވެ.

އެސްއޯއެފް ޓީމުގައި ހިމެނޭ މީހުންނަކީ މުހައްމަދު އައްލާން ލަތީފް އާއި، އަހްމަދު އިޝްފާހް އަލީ އާއި، މުހައްމަދު ހުސައިން އާއި މުހައްމަދު އަސީލް އަހްމަދެވެ.