ބަންޑާރަ އުސޫލުން ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާޒިމް ވަނީ ބައެއް ރަށްރަށުން ހިލޭ ގޯތި ދިނުމުގެ ސިޔާސަތެއް އޮތްތޯ ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ކައިރި ނުވަތަ ދުރު މުސްތަގްބަލެއްގައި ވެސް ބަންޑާރައިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ކަމެއް ކަމަށް ސިޔާސީ މީހަކު ވާހަކަ ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށެވެ.

އެހެންނަމަވެސް ބައެއް ރަށްރަށުގައި ގޯތި ދޫކުރުމަށް ބިން ހިއްކާ އިތުރަށް ހިއްކާނެ ބިމެއް ނެތް ހިސާބަށް ވެސް ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާބާދީ އިތުރުވަމުން ދާނެ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެކުރިއަށް ބަލާއިރު ބަންޑާރަ ގޯތި ދޫކުރުމަކީ އެޒަމާނަށް ރަނގަޅު ކަމެއް ނަމަވެސް، މިހާރު އެކަމަށް ގެންނަންޖެހެނީ ކޮން ބަދަލެއްތޯ ބަލަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކަށް ގުޅުވާފައި އަޅުގަނޑުމެން އެބަޖެހޭ، އިހު ޒަމާނުގައި ކަންކުރި ގޮތާ މެދު، އެކަން ގޯހީކީ ނޫން، އެ ޒަމާނަށް ބަރާބަރަށް އެކަން ހަމަ ރަނގަޅު، މިހާރު ގެންނަންވީ ކޮން ބަދަލުތަކެއްތޯ
މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވަނީ އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރެވެނީ ހިލޭ ކަމަށާއި، އަދި އެކަން ކުރުމުގައި އުސޫލު ހެދޭއިރު އޮންނަނީ އެރަށެއްގެ މީހާއަށް ގޯތި ދެވޭގޮތަށް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޭނާގެ ރަށް ނޫން އެހެން ރަށަކުން ގޯއްޗަށް އެދުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ދިވެހި ރައްޔިތެއްކަމަށްވާނަމަ ރާއްޖޭގެ ކޮންމެ ތަނަކުުން ވެސް ބިންކޮޅަކަށް އެދެވިދާނެ ކަމަށެވެ.