މާލޭގައި ހިންގާ ސްކޫލެއްގައި ކިޔަވައިދެމުން ދިޔަ ޓީޗަރަކު ދަރިވަރަކަށް ބަދުއަހްލާގީ ވީޑިއޯ ދެއްކި މައްސަލައެއް ފެންމަތިވެ، އެ ޓީޗަރު ސަސްޕެންޑް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. އެ ޓީޗަރު ދަރިވަރަކަށް ބަދުއަހްލާގީ ވީޑިއޯ ދައްކާފައި ވާ ކަމަށް ވަނީ އެ ކުއްޖާއަށް ޓިއުޝަން ދޭން ކަމަށް ބުނެ އެ ޓީޗަރުގެ ގެއަށް ގެންގޮސްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމާ އެކު އެ ދުވަހު އެ ޓީޗަރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ވެސް އެޑިއުކޭޝަން އިން ބުނެއެވެ.

މި މައްސަލަ ރިޕޯޓް ކުރިތާ އިއްޔެއާ ހަމައަށް 7 ދުވަސް ވެފައިވާ އިރު، ރޭގެ ވަގުތެއްގައި އާންމުންގެ ބަޔަކު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދަކަށް އެ ޓީޗަރު ގެންގޮސް އޭނާއަށް އަނީޔާ ކޮށްފައެވެ. އެ ވީޑިއޯ ސޯޝަލް މިޑިއާގައި ވައިރަލް ވެފައި ވާ އިރު، އޭނާ ވަށާލައިގެން އެ ވީޑިއޯގައި ތިބި އަންހެނުންނާއި ފިރިހެނުން ވަނީ އެ ޓީޗަރާ ދިމާއަށް އެއްޗެހި ކިޔާފައެވެ. އެ ގޮތުން އެމީހާ ކިތައް ކުދިންނާ ޖިންސީ ގޯނާ ކުރިންތޯ ސުވާލު ކުރެއެވެ.

މީގެ އިތުރުން ގްރޭޑް 4 ގައި ކިޔަވަމުންދާ ފިރިހެން ކުއްޖަކަށް އެ ފިރިހެން މީހާ ޓިއުޝަން ދޭނެ ކަމަށް އަމިއްލަ އަށް ބުނެގެން ގެންގޮސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމަށް ބުނެ އެމީހާ އާ އެތައް ސުވާލެއް ކުރެއެވެ. އެ ގޮތުން އެ ކުއްޖާ އަށް ހެދި ގޮތް ކިޔައި ދިނުމަށް އަންހެނަކު ތަކުރާރުކޮށް އެދިފައި ވެއެވެ. އެއަށް އެ ފިރިހެން މީހާ ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާ ދިޔައީ ރޮމުންނެވެ.

އެކި ފަހަރު މަތިން އެމީހާ ގައިގާ ތަޅާފައި ވާއިރު، އެމީހާ ލައިގެން ހުރި ޓީޝާޓާއި ޖީންސް ވެސް ވަނީ ބާލުވާފައެވެ. އަދި އެމީހާ ހުސް ބޮކްސާގައި ހުރި އިރު، އަތުން ހިފަހައްޓަން ދީފައިވާ ކާޑު ބޯޑުގައި އެއްޖިއްސުން ގުޅުން ހިންގާ މީހެއްކަން އަންގައިދޭ ފަދަ ލިޔުމެއް ލިޔެފައި އޮތެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ އިރު، މި މައްސްލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާއަށް އަނިޔާ ކުރި މައްސަލަ ރޭ 10:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައި ވުމުން، އަނިޔާ ލިބުނު މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައެވެ. އެމީހާ އަކީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

މި އަހަރުގެ ދިރާސީ އަހަރު ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ، ސްކޫލްތަކަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކޮށްދިނުމަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ސްކޫލްގައި ނުބަހައްޓާނެ ކަމަށެވެ. ސްކޫލްތަކުގެ މާހައުލުގައި ކަންކަން މޮނިޓާ ކުރަމުން ދާނެ ކަމަށާއި އަދި އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ސްކޫލް މާހައުލުގެ ތެރެއިން ލިބިގެން ނުދާނެ ގޮތަކަށް ސްކޫލް ތެރޭގެ ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޓިއުޝަން ދޭން ކުދިން ތަންތަނަށް ފޮނުވާ އިރު އެ ތަންތަނަކީ ރަޖިސްޓާ ކޮށްގެން ހިންގާ ތަންތަން ކަން ބެލެނިވެރިން ކަށަވަރު ކުރަން ވާނެ ކަމަށާއި، ކުދިންނަށް ރައްކާތެރި މާހައުލަކަށް ކުދިން ފޮނުވުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.