ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ހުން އައިސްގެން ދިޔަ އެއް އަހަރުގެ ކުޑަކުއްޖަކަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާ އަދި އަބަދު ނިދާފައި އިންނަ ޑޮކްޓަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހޯރަފުށީގައި ހުރި ޑޮކްޓަރަކީ ނައިޖީރިއާއަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށް ބުނެއެވެ. ހެލްތު މިނިސްޓްރީން ބުނީ، އެ ޑޮކްޓަރުގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އަހްލާގީ މައްސަލަތައް ބަލަމުން އަންނަނީ އެޗްއާރް ޑިޕާޓްމަންޓުން ކަމަށެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓް ފޮނުވުމަށް އެ ހެލްތު ސެންޓަރަށް އަންގާފައިވާ ކަމަށާއި އެ ރިޕޯޓަށް ބެލުމަށް ފަހު ޑޮކްޓަރާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ރޭ ފެންމަތިވި އެ ޑޮކްޓަރުގެ މައްސަލައާ އެކު ވަނީ އެކި ދުވަސްމަތިން ޑޮކްޓަރު ކޮޓަރީގައި މޭޒުގައި ބޯ ޖަހައިގެނަ ނިދާފައި ގޮނޑީގައި އިންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އާންމު ވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި މީހަކު ޑޮކްޓަރު މޭޒު ކައިރީގައި އިންނަ އިރު ވެސް އެ ޑޮކްޓަރު މޭޒުގައި ބޯއަޅާލައިގެން ގޮނޑީގައި އިންނަ މަންޒަރު ފެނެއެވެ.

މި ހާދިސާ އާ ގުޅިގެން ހޯރަފުށީ ހެލްތް ސެންޓަރުން ބުނެފައި ވަނީ މީގެ ކުރިން ވެސް އެ ޑޮކްޓަރާ ބެހޭ ގޮތުން މި ފަދަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ހުން ގަދަވެގެން ޑޮކްޓަރަށް ދައްކަން ދިޔަ އެއް އަހަރުގެ ކުއްޖަކު ފަރުވާ ނުދީ، ޑޮކްޓަރު ކޮޓަރީގައި އަރާމުކުރަން އޮތް މައްސަލައެއް ފެންމަތި ކުރީ އެ ކުއްޖާގެ ބައްޕައެވެ. އެތައް އިރަކު ޑޮކްޓަރުގެ ގާތު އާދޭސް ކުރުމުން ވެސް އޭނާ ބުނެފައި ވަނީ އޭނާ "ރެސްޓް ކުރަނީ" ކަމަށެވެ. ދެފަހަރު ޑޮކްޓަރަށް ގޮވާލުމުން ވުސް ބުނީ ރެސްޓްކުރަނީ ކަމަށާއި ހާލަތު ބަޔާން ކުރުމުން ބުނީ އިތުރަށް ނުގޮވުމަށް ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ. ހަމައެއާއެކު ނަރުސް ގޮސް ކުއްޖާގެ ހާލަތު ބުނުމުން ކުރިއަށް ވުރެ ގަދައަށް ނިދާލަން ހަމަޖެހިލި ކަމަށާއި މަރުކަޒު ހިންގުމާ ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ކުއްޖާ ބެލުމަށް އޭނާ ކުރީ އިންކާރު ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.