އަންނަ އަހަރު ސަރުކާރުން އިސްކަން ދޭނީ ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭނެ ގޮތަކަށް މަޝްރޫއުތައް ހިމެނުމަށް ކަމަށާއި، ނަމަވެސް ވ. ފެލިދޫ ދާއިރާގެ ރަށްތަކުގެ މަޝްރޫއުތަކަށް ރިއާޔަތްކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ރައީސް އޮފީހަށް ފޮނުއްވާފައިވާ ސިޓީތަކާ ހަވާލާ ދެއްވައި ފަޒުލް އަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފެލިދޫ ދާއިރާގެ ރަށްތަކުގެ މަޝްރޫއުތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.

މިދިޔަ ޖޫން މަސް ނިމުނުކޮޅު ރައީސް އޮފީހަށް ފޮނުއްވި ސިޓީތަކުގައި ފަޒުލް އެދިވަޑައިގެންފައި ވަނީ ވ. ތިނަދޫގެ ކައުންސިލްގެ އާ އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއާއި، ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން، އެ އަތޮޅުގެ ފުލިދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ދައުލަތުގެ ބަޖެޓުގައި ހިމަނައިދިނުމަށެވެ.

އެ ސިޓީގައި އަލީ ޒާހިރު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައާ ހެދި ދުނިޔޭގެ އިގްތިސޯދު ހީނަރުވުމުގެ ސަބަބުން އެކަމުގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކޮށްފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

އެހެންވެ، ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އުފުލުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ފަޒުލް އަށް ފޮނުވި ސިޓީގައި އަލީ ޒާހިރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ދައުލަތުގެ ހަރަދުތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަށް މަޝްރޫއުތައް ހިމެނުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ، ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެއެވެ. އެހެންކަމުން، މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސޯދު ކުރުމަށް މިވަގުތު ބޭނުން ޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުންޏެވެ.