ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި 75 ވެންޓިލޭޓަރު ހޯދުމަށް ކުރި މުއާމަލާތުގެ ހިޔާނާތާގުޅޭ މައްސަލާގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާއެކު ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފައިސާއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް، ދިވެހި ދައުލަތުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ގަނެފައިވާ 75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ހަގީގަތެއް މިއަދާ ހަމަޔަށްވެސް ސާފުނުވާ ކަމަށެވެ.

އަދި މިކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ހޯދިފައި ނުވާއިރު، މިމައްސަލާގައި ތުހުމަތުކުރެވޭ 8 ފަރާތެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އަނބުރާ ފޮނުވާލާފާވާތީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި 8 ފަރާތުގެ މައްސަލަ ފައިލް ކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

މިމައްސަލައަށް ދެއަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް 3 ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވުމުން އަނބުރާ ފޮނުވާލާފައިވާތީ އާއި، މިމައްސަލަ 4 ވަނަ ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުމުން، ޕީޖީ އޮފީހުން މީގެ ތެރެއިން 8 ފަރާތެއްގެ މައްސަލަ ދައުވާނުކޮށް އަނބުރާ ފޮނުވާލުމާއި އޭސީސީއިން އެ ފަރާތްތަކުގެ މައްސަލަ ފައިލްކުރުމަކީ މިމައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސީ ނިޔަތާއި ތަހުގީގުގެ ފެންވަރާ މެދު ސުވާލުއުފެދޭ ކަމެކެވެ.
ޓްރާންސްޕޭރެންސީ

ޓްރާންސްޕޭރެންސީން ބުނީ، މިމައްސަލާގައި ހާމަކަން ކުޑަވުމުގެ ސަބަބުން، ވަކި ފަރާތްތަކެއްގެ މައްޗަށް އަދުލު އިންސާފުގެ ބާރު ނުފޯރުމާއި މަގާމުތަކުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަގަނެވެނީތޯއާމެދު ވެސް ސުވާލުއުފެދި، ހިންގުމުގެ ނިޒާމަށް އޮންނަޖެހޭ އާންމުންގެ އިތުބާރަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ އުސޫލުން ވެންޓިލޭޓަރު ގަތުމަށް، ހަގީގަތާ ހިލާފު މައުލޫމާތު ބޭނުންކޮށްގެން، ޕާފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބެހެއްޓުމެއްނެތި، ބިޑް ކޮމިޓީން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވެ، އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 ޕަސަންޓަށްވާ ފައިސާ ދައްކާފައި ވުމަކީ، ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަންކަން ކަމަށް ބެލެވޭ ކަަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެއެވެ.

އެހެންކަމުން، މިމައްސަލަ ބަލާ ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީ ކުރުވުމަށާއި ރައްޔިތުންގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

ޓްރާންސްޕޭރެންސީން ވަނީ މިފަދަ މައްސަލަތައް ބަލާ ތަހުގީގުކުރުމުގެ ޒިންމާ އުފުލަމުންދާ މުއައްސަސާތަކުން އަމިއްލަ މަސްލަހަތުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް އާންމު މަސްލަހަތު އިސްކޮށް، ނަޒާހަތްތެރިކަމާ އެކު މަސައްކަތްކުރުމަށް ގޮވާލާފައެވެ.

މިގޮތުން، ވެންޓިލޭޓަރު ކޮރަޕްޝަނުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ފައިދާވެފައިވާ ފަރާތްތައް ދެނެގަނެ ގާނޫނީގޮތުން ފިޔަވަޅު އެޅުމަކީ ރާއްޖޭގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.