އެހެން ރަށްރަށުގައި ވެސް ގޯއްޗަށް އެދުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރާ އުސޫލުން، މާލޭން ގޯތި ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަހަރުތަކަކަށް ފަހު މާލޭން ގޯތި ދޭން ހުޅުވާލުމާ އެކު އެންމެ ބޮޑަށް ކުރެވެމުންދާ ބަހުސަކީ މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމާ މެދުގައެވެ. އިއްޔެ އެ ބަހުސްގެ ތެރެއަށް ވަދެވަޑައިގެން އަސްލަމް ވިދާޅުވީ، އެހެން ރަށްރަށުގައި ވެސް އެ ރަށްރަށުގެ ރައްޔިތުންނަށް އިސްކަން ދީގެން ގޯތި ދޫކުރާ އުސޫލު، މާލޭގެ ރައްޔިތުންނަށް ނުހިންގެންވީ ސަބަބެއް ގަބޫލު ނުކެރެވޭ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ގޮތަކީ އާއިލާއެއް ފުރިހަމަވުމުން ދައުލަތުން ގޯއްޗެއް ދިނުމެވެ. އެގޮތަށް އޭރު ކަންކުރަމުން އައީ ގޯތި ދޭން ބިން އޮތުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ވިސްނީ މިވަގުތަށް އެބަ ޖެހެޔޭ މާލޭގެ ރައްޔިތުންނަށް އަސްލުގަވެސް ހަމަ ލިބެން ހުރި މިންވަރަކުން ގޯތި ދޭން. އަދި އަމިއްލައަށް ތަންތަން ބިނާކޮށް ދިރިއުޅެވޭ ވަރުގެ މީހުން އެބަ ތިއްބޭ. ކޮންމެ މީހަކު ވެސް އެމީހަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ކުރާނެ."
މުހައްމަދު އަސްލަމް | ހައުސިން މިނިސްޓަރު

އެ ވިސްނުމުގައި ސަރުކާރުން ދޫކުރަން ނިންމި 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 26 އާ ހަމައަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 10،000 އަށް ވުރެ ގިނަ މީހުން ގޯއްޗަށް ކުރިމަތިލާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް މާލޭން މާލޭގެ ރައްޔިތުންނަށް ގޯތި ދޭ ވާހަކަ ދެއްކުމުން ފާޑުކިއުން އަމާޒުވާ ކަމަށް ވިދާޅުވެ، އަސްލަމް ވިދާޅުވީ، މާލޭން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގައި އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

"ހަގީގަތަކީ މިތާނގަ (ކޮންގްރެސްގައި) މި ތިއްބެވި ހުރިހާ މަންދޫބުންނަކީ ވެސް ކޮންމެވެސް ރަށަކުން ވަޑައިގެން ތިއްބެވި ބޭފުޅުން. ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ތީގެން ކޮންމެ ރަށަކުން ގޯއްޗެއް ދިނަސް އެންމެ ފުރަތަމަ އިސްކަމެއް ދެއްވަނީ އެ ރަށުގެ ރައްޔިތު މީހާ އަށް ކަން."
މުހައްމަދު އަސްލަމް | ހައުސިން މިނިސްޓަރު

އޭނާ ވިދާޅުވީ، މާލެ މީހުންނަށް މާލޭން ގޯތި ހާއްސަ ވަނީ އެ ސަބަބާ ހެދިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން މާލޭގައި އިމާރާތްކުރާ ފްލެޓްތަކަށް، 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މާލޭގައި ހޭދަކޮށް، އަދި ޝަރުތު ހަމަވާ ނަމަ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެއެވެ.

އޭގެ އިތުރުން އަސްލަމް ވަނީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ ތަފްސީލު ވެސް ދެއްވައިފައެވެ. އެގޮތުން 14 ރަށެއްގައި 1،520 ހައުސިން ޔުނިޓް އިމާރާތްކުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

އެއާއެކު އެންމެ ބޮޑަށް އެންމެ ބޮޑަށް އަމާޒުވާ ސުވާލަކީ ރަށްތައް ފުރުމުން ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ކޮބައިތޯ ކަމަށާއި، އެކަމަށް ބައިވަރު ހައްލު ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަބަބަކީ އެންމެންނަށް އެންމެ ހައްލަކުން ނުފުދޭތީއެވެ.

"ހޯދަން ޖެހެނީ ބައިވަރު ހައްލުތަކެއް. އެންމެންނަށް އެއް ހައްލަކުން ނުފުދޭނެ. ބައެއް މީހުންނަށް މާކެޓް ގެއެއް ގަނެވިދާނެ. އަނެއް ބައި މީހުންނަށް ލޯނެއް ނަގައިގެން ގެދޮރު ބިނާކުރުން، މަގުމަތިވަންޏާ ދައުލަތުގެ މައްޗަށް ބޯހިޔާވަހިކަމެއް ދިނުން ލާޒިމު ވާނެ،" އަސްލަމް ވިދާޅުވިއެވެ.