މި 4 އަހަރު ތެރޭ ތައުލީމީ ދާއިރާއަށް 1316.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެމްޑީޕީ ކޮންގްރެސްގައި މެންބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ހަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށާއި މިއީ ތައުލީމީ ދާއިރާއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށެވެ.

މިގޮތުން 2014 އިން 2018 އަށް މުޅިއެކު މަސައްކަތް ފުރިހަމަ ކޮށްފައިވަނީ 135 ކްލާސްރޫމް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިވީ 4 އަހަރުތެރޭ 1288 ކްލާސްރޫމްގެ މަސައްކަތް ހިނގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ދައުރުގަ 15 މަލްޓިޕާޕަސް ހޯލް އަޅާފައިވާއިރު މިސަރުކާރުގައި 81 މަލްޓިޕާޕަސް ހޯލެއް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ދައުރުގަ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި 64 މަޝްރޫއެއް ކުރިއަށްގެންދިޔަ ކަމަށާއި އަދި މިދައުރުގަ 338 މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތައް، ޕީއެސްއައިޕީގެ ބަޖެޓުން 2014 އިން 2018އަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ޖުމްލަ ހަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްކޫލްތައް އެއްދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 44 މަޝްރޫއެއް ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރު 216 ސްކޫލްތަކުގެ ތެރެއިން 155 ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައް ކަމަށާއި ކާށިދޫގައި ހަދަމުން އަންނަ ކްލާސްރޫމް އިމާރާތް އަންނަ ހަފްތާގައި ބޭނުންކުރަން ފެށުމުން މި އަދަދު 156 ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.