ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލި ސަރުކާރެއް ހަޔާތުގަ ދެކެވަޑައިގެންފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، މިއަދު މެންދުރު ފަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ، ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއްދިން އެއް ކަމަކީ ނިކަމެތި ހާލަތެއްގައި އޮތް ސިއްހީ ހިދުމަތްތަކުގެ ނިޒާމު ޒަމާނީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ގާތުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

މިގޮތުން ސަރުކާރު ސިއްހީ ސިޔާސަތު ބައްޓަން ކުރީ އެ ދާއިރާއަށް އުންމީދީ އިންގިލާބީ ބަދަލެއް ގެނައުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ މިހާތަނަށް ސިއްހީ ނިޒާމަށް މިހާ ބޮޑަށް އަޅައިލާ ޒަމާންތަކަށް ދެމިގެންދާނެ އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އަޅުގަނޑުގެ ހަޔާތުގަ ނުދެކެން.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް

ނަސީމް ވަނީ ކޮވިޑާ ގުޅިގެން މުޅި ސިއްހީ ނިޒާމަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަން ފާހަގަކުރައްވާ އެކަމުގައި ދެ އަހަރާބައި ހޭދަވި ނަމަވެސް ފާހަގަކުރެވޭ ކާމިޔާބީތަކެއް ސިއްހީ ދާއިރާއިން ހޯދިފައިވާ ކަމަށެވެ.

މިގޮތުން ކޮވިޑު ކޮންޓްރޯލް ކުރެވި އޭގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވިގޮތުގައި ކޮވިޑުން ދަސްކޮށްދިން އެންމެ މުހިއްމު އެއް ކަމަކީ އާންމު ސިއްހަތުގެ ކަންކަން ދުރާލާ ބަލާ، އެ ސިއްހަތުގެ ކަންކަން ރަނގަޅު ކުރަން ޖެހޭކަން ކަމަށެވެ. އަދި ކޮވިޑުގައި ނިޔާވި ވަރަށް ގިނަ މީހުންނަކީ އެހެން ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުން ދިޔަ މީހުން ކަމުން އެކަންކަމަށް ކުރިޔަށް ވުރެ ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.