ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ސަރުކާރު ނިމުނު އިރު ރިޒާވްގައި ހުރި ފައިސާ މިސަރުކާރުގެ "އިޝްގީ މޫސުމުގައި" ބޭނުންކޮށް ހުސްކޮށްލައިފި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. ނަމަވެސް އިޝްގީ މޫސުމުގެ ތަފްސީލަކަށް ރައީސް ވަޑައެއް ނުގަންނަވައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރޭ ކާނިވަލުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އެމަނިކުފާނާ ހަވާލުކުރުމަށް ބޭއްވި "ހަވާލޭ ވަތަން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވާލްޑް ބޭންކުގެ ރިޕޯޓަކާ ހަވާލާ ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 6،000 މިލިއަން ޑޮލަރުގައި ކަމަށެވެ. މިއީ އާބާދީގެ ކޮންމެ ބޮލަކަށް 250،000 ރުފިޔާ ކަމަށް ޔާމީން ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ރިޒާވްގައި ހުރި އަދަދު މިސަރުކާރުން ހާމަނުކުރާ ކަމަށާއި މިހާރު ސަރުކާރު ހަމައެކަނި ހާމަކުރަނީ ގްރޮސް ރިޒާވް ކަމަށާއި ގްރޮސް ރިޒާވަކީ ބޭނުން ކުރެވޭ ގޮތަށް ހުރި ދައުލަތުގެ ރަސްމީ ރިޒާވް ނޫން ކަމަށެވެ. ގްރޮސް ރިޒާވަކީ ރާއްޖޭގެ ކޮމާޝަލް ބޭންކްތަކުގައި ހުންނަ ރިޒާވާއި އަދި ދައުލަތުގެ ރިޒާވް އެއްކޮށްގެން ކިޔާ އަދަދެވެ.

ރައީސް ޔާމީން ވިދާޅުވީ ލަފާކުރާ ގޮތުގައި ކާޑު ގަންނަން އެސްޓީއޯއަށް ދޫކުރާ ފައިސާ އާއި ތެޔޮ ގަންނަން ދޫކުރަން ހުރި ފައިސާ ހިމެނޭ ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 280 މިލިއަން ޑޮލަރު ކަމަށާއި ކުރީ ސަރުކާރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 900 މިލިއަން ޑޮލަރާއި ސޮވަރިން ޑެޓް ފަންޑްގައި ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހުރި ކަމަށެވެ.

"މިހާރު ވެސް މިސަރުކާރު ނޭވާލަމުން އެދަނީ އިހަށް ދުވަހު ޖިޒީ ދައްކަން ޖެހޭ ދިމާލަކަށް ދިއުމުން 100 މިލިއަން ޑޮލަރު ދޭނެ ކަމުގެ އުއްމީދުގައި. މިހާރު އިތުރަށް ވިއްކާނެ އެއްޗެއް ނެތް. ރަހުނުގައި ބަހައްޓާނެ އިތުރު އެއްޗެއް ވެސް ނެތް."
ރައީސް ޔާމީން

ރައީސް ޔާމީން އެ އިޝާރާތް ކުރެއްވި 100 މިލިއަން ޑޮލަރަކީ، ތިލަމާލެ ބްރިޖްގެ ތަނބު ޖަހަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ދޭނެ ކަމަށް ބުނި 100 މިލިއަން ޑޮލަރުގެ ވާހަކައެވެ.

މިސަރުކާރުގެ އިގުތިސޯދީ ޕްލޭން ފެއިލްވެ ރިޒާވް ހުސްވާ ކަމުގެ ވާހަކަ އިދިކޮޅުން ދެއްކި ނަމަވެސް ސަރުކާރުން އެކަން ދޮގު ކޮށް ތަކުރާރުކޮށް ބުނަނީ، ރިޒާވް ރަނގަޅު ކަމަށާއި ކުރިއަށް އޮތް ތާނގައި ބޮޑުތަނުން ރަނގަޅުވާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގާލެއް ގިނަ ކަމާއި ފައިސާ ހަރަދު ވާ މިންވަރުވެސް އެ ނިސްބަތުން މަތިވެގެން ދިޔަ ނަމަވެސް ގައުމުގެ އިގްތިސޯދު ހުރީ ރަނގަޅު މިސްރާބަށް ކަމަށެވެ.

ދުނިޔޭގެ މާލީ ބާޒާރަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލިފައި ވާއިރު، އިގްތިސޯދީ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަލެއް ބޮޑުތަނުން ލަސްކަން މުރާސިލުން ފާހަގަ ކުރެއެވެ.