ފޯމެއް ފުރާ، ބޯ އިތުރުކޮށް، ފޮޓޯ ނެގުމަކީ ޖުމްހޫރީ ޕާޓީގެ ހަމައެކަނި މަގުސަދު ނޫން ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރޭ ޖޭޕީ އަށް ޒުވާނުންތަކެއް ސޮއިކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ އެ ޕާޓީގެ މުހިންމުކަމާއި ޕާޓީގެ ވިސްނުމާއި ފިކުރަކީ ކޮބައިން އެހެން ގިނަ މީހުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި ޖޭޕީއަކީ ގައުމާއި އިސްލާމްދީނަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި ހާއްސަކޮށް ޒުވާނުންނަށް ފުރުސަތު އޮތް، ފުރުސަތު ފަހި ޕާޓީއެއް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެ ހުރިހާ ފުރުސަތުތައް އޮތުމާއެކު އެ ޕާޓީއާ ގުޅިގެން ކުރިއަށް ދެވޭނެ މަގުތައް ފަހިވެގެންދާނެ ކަމަށެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ގާސިމްގެ ފިކުރާއި ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކަށް ޕާޓީގެ މެންބަރުންގެ ފަރާތުން ގެންދިއުމަކީ އަދި ގާސިމް ކޮށްދެއްވާފައި ހުރި ކަންތައްތަކާއި ގާސިމްގެ ހިތްޕުޅުގައި ދީނާއި ވަތަނަށްޓަކާ އޮތް ލޯތްބާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ވިސްނުމާއި ފިކުރާއި ހުރިހާ ދިމާލަކަށް ފުޅާކުރުމަކީ އެ ޕާޓީގެ މަގުސަދެއް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން އިއުލާން ކޮށްފައި ވާއިރު އެ ޕާޓީން މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖޭޕީގައި މިވަގުތު 20،139 މެމްބަރުން އެބަ ތިއްބެވެ.