ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއީސް ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނާއި އެމަނުކުފާނުގެ ފެކްޝަންގެ ބޭފުޅު ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރަށް ތާއިދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ނަޝީދު ވަނީ ތަންތަނުގައި ތިބޭ ވިސްނޭ ވެރިން އެފަދަ ގޮތަކަށް ނަގާ ވޯޓުގެ ތެރެއަށް ވަދެވަޑައި ނުގަންނަވާނެ ކަމަށާއި ނިޒާމީ ވޯޓަށް ކެމްޕެއިން ކުރުން ނުހުއްޓޭނެ ކަމަށް ވިދާޅުވިއެވެ.

"ވަރަށް ބޮޑު ހިތާމައެއް މުށްބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވާކަށް އެއްގޮތަކަށް ވެސް ޖެހިވަޑައެއްނުގަންނަވާ. މިއީ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވެސް ވާހަކައެއް ނޫން،"
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންނަށް ގޮންނުޖެއްސެވުމަށް ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވާ ކަމަށާއި ސިޔާސީ މީހުން ކުރަން ނުޖެހޭއެއް ކަމަކީ ރައްޔިތުންގެ އަދަދު މިނާފައި ތިއީ މަދު ބައެއް ކަމަށް ބުނުން ކަމަށެވެ. އެއީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އަބަދު ވެސް ކަންކަމުގެ ހަގީގަތް ފޮރުވަން ކަމާ ބެހޭ ފަރާތްތަކުން ގޮވަމުންދިޔަ އެއްޗެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމާއި މެދު އިލްމީ ބަހުސް ކުރެވެން ޖެހޭ ކަމަށާއި އެމްޑީޕީ އަކީ އިލްމީ ބަހުސް ކުރުމަށް ނިއަތް ގަނެ އެކުލަވާލެވުނު ޕާޓީއެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕާޓީގެ ސަލާމެއްގެ ގޮތުގައި އިހްތިޔާރު ކުރީ "ގުލްޒާރުގައި ނަޔާ މަގޭ" ޅެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ނިޒާމީ ވޯޓަށް ކެމްޕެއިން ކުރުން ނުހުއްޓޭނެ ކަމަށްވެސް ވިދާޅުވެފައެވެ.