ރަށްރަށުން ހިޖުރަކޮށްގެން މާލެ އައިސް ދަފްތަރުގައި ޖެހުނު ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވަނީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތިދޭއިރު ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ލިބުމުގައި މައްސަލަތަކެއް ހުރި ކަމަށާއި އެ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭ ގޮތަށް ޝަރުތު އިސްލާހު ކުރަން ސަރުކާރުން ވިސްނުން ގެންގުޅޭތޯ ސުވާލުކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މާލެއިން ގޯތި ދިނުމަކީ ސަރުކާރުން ނިންމާފައި އޮތް ގޮތް ކަމަށާއި ރަށްރަށުން މާލެ ހިޖުރަކޮށްގެން ދަފްތަރުގައި ޖެހޭ ފަރާތްތަކަށް އެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތައް މާލޭގައި ދިރިއުޅެމުން ލިބިފައިވާ ދަރިއަކަށް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.

މާލެ ސަރަހައްދުން ޖުމްލަ 5000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯއްޗެވެ. މާލޭ ރަށްވެހިން ހުޅުމާލެ ފޭސް 2 އަދި ގުޅީފަޅުގެ ގޯއްޗަށް ކުރިމަތިލާން ހުޅުވާލިޔަސް ގިރާވަރު ފަޅު އަދި ހިއްކިފައި ނުވާތީ އެތަނުން ދޫކުރާ 2000 ގޯތި އަދި ހުޅުވައެއް ނުލައެވެ.

ހުޅުވާލާފައި ވަނީ މާލޭ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށެވެ.