ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އުނގޫފާރު ބިން ހިއްކުމާ ގުޅޭ ގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުކުރެއްވުމުންންވެ.

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ވަނީ މިމަސައްކަތް ނުފެށި މާފަހުން ކޮންޓްރެކްޓް ކޮށްފައިވާ މަސައްކަތް ފަށާފައިވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. އެސުވާލައް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އުނގޫފާރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި އެމްޓީސިސީން ޝެޑިއުލްއެއް ތައްޔާރުކޮށްފައިވާއިރު އުނގޫފާރުގެ ބިން ހިއްކުމަށް ޝެޑިއުލް ކޮށްފައިވަނީ ޖޫން 2023 ގައި ކަމަށެވެ.

އެމްޓީސީސީން ގެންގުޅެނީ 4 ޑްރެޖަރު. އޭގެ ތެރެއިން އެއް ޑްރެޖަރަކީ ހޮޕާ ސަކްޝަން ޑްރެޖަރެއް އަނެއް 3 ޑްރެޖަރަކީ ކަޓާ ސަކްޝަން ޑްރެޖާ. އެކަތި އެއީ ވަރަށް ކުޑަ ޑްރެޖަރެއް. ބިންހިއްކުމުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ ކަޓާ ސަކްޝަން ޑްރެޖަރުން އެއީ އެގޮތަށް ބިން ހިއްކެން އޮންނަ ރަށްރަށުގައި. އުނގޫފާރަކީ ހޮޕާއިން ހިއްކޭނެ ރަށެއް. ހޮޕަރއިން 7 ރަށެއް ހިއްކުމަށް އެބައިން ލިސްޓްކުރެވިފައި. ޝެޑިއުލް ތަރުތީބުކުރެވިފައިވާ ގޮތުން މިހާރު ބިން ހިއްކަން ފެށުން އޮތީ ޖޫން 2023 ގައި
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލަމް ވަނީ އުނގޫފާރު ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަން ފާހަގަކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން އުނގޫފާރުގެ 10 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓަކާއި، 75 މީޓަރުގެ ގްރޮއިން ގާއިމުކުރުން ހިމެނެއެވެ. މި މަޝްރޫއަކީ 75,345,322.58 ރުފިޔާގެ މަޝްރޫއެކެވެ.