މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުނި ނަމަވެސް އެ ސިޓީގައި އެގޮތަށް ބުނެފާ ނެތް ކަމަށެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއް ވެސް އޮތްކަން އެނގެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކޯޓުން އިތުރަށް ބުނީ ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތް ނަމަވެސް އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެ ކަމަށެވެ. އެކަން އެހެން ހުރުމާއެކު އެއީ ހެކެއް ކަމަށް ނުބަލަން ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ދައުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ދެ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޝަރީއަތަށް ކުރިން ހުށަހެޅި ހުށަހެޅުންތަކާއިމެދު މި މަހު 4 ދުވަހު ނިންމި ނިންމުމަކީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަނގަބަހުން ހުށަހެޅުންތަކާމެދު ވާހަކަ ދެއްކުމުގެ އިޖުރާއަތާއި އުސޫލާ ހިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ބޭކިންއާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު މާނަކުރުމުގައި ސްޕްރީމް ކޯޓުގެ ނަމްބަރު (2019/SC-A/31)، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ވސ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގަޒިއްޔާގައިވާ ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ ދީފައިވާ ތަފްސީލެވެ.