ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ މިނިސްޓަރު ވިދާޅުވީ ވޯލްޑްބޭންކުގެ އެހީގައި މިހާރު އާ ހިދުމަތްތަކެއް ޕޮލިޓެކްނިކަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އެގޮތުން ލައިބްރަރީގެ ހިދުމަތަކީ ވެސް އޭގެތެރެއިން އެއް ޕްރޮޖެކްޓް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތަނުގައި ލެބެއްވެސް ގާއިމް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ބަޖެޓުގައި ލިފްޓެއްވެސް ލާގޮތަށް މިހާރު އަޅުގަނޑުމެން އެކަން ގަސްތުކޮށް ނިންމާފައި ވާނީ. އަޅުގަނޑުމެން މިތަނުގައި އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރު ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރުމަށް ބޭނުންވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

މިއަދު މިފެށުނު ސެމިސްޓާ އަކީ ހުރިހާ ދަރިވަރުން ވެސް ދިރިއުޅުމުގައި ގިރާކުރާނެ އާ ހަރުފަތެއްގެ ފެށުން ކަމަށާއި މި ސެމިސްޓާ އަކީ ދަރިވަރުންގެ ހުނަރާއި އުއްމީދާއި އެކު އިލްމު ހޯދާ ހުނަރު ދަސްކޮށް ހިއްމަތާއިއެކު މަސައްކަތްކޮށް ކާމީޔާބާއި ހަމައަށް ވާސިލުވުމަށްޓަކައި ފަށާ ފެށުމެއްގެ ފެށުންކަމަށް އުއްމީދު ކުރައްވާކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަހުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށެވެ.

އަދި ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު އެދިލެއްވިއެވެ.