ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އެރުމުން ފަރަށް ގެއްލުން ވިތޯ އީޕީއޭއިން ބަލަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ ހާދިސާގައި ވިލިމާލެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ހާދިސާ ހިނގި ވަގުތު ވިލިނގިއްޔާއި މާލެއާ ދެމެދު ދަތުރު ކުރި ފެރީއެއްގައި ހުރި މީހަކު ބުނީ، އެ ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް ޕްލެޓްފޯމް އެރިވަގުތު ރާޅު ޖެހުމުގެ ސަބަބުން އަރިއަޅާލައިގެން ކަމަށެވެ.

ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނެއެވެ.

މިހާދިސާގައި އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ. އަނިޔާވި 3 މީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.