ތުލުސްދޫން މޫދަށް ކުނި ނާޅާ ކަމަށް ބުނެ އެރަށު ކައުންސިލުން ޖޫރިމަނާ ފައިސާ ދައްކަން ދެކޮޅުހެދުމުން، އެމައްސަލާގައި އިތުރު ފިޔަވަޅު އަޅަން އެލްޖީއޭއާއެކު މަޝްވަރާކުރަމުންދާ ކަމަށް އީޕީއޭއިން ބުނެފިއެވެ.

ތުލުސްދޫ ކައުންސިލުން، ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައި ހުންނަ ކުނިތައް މޫދަށް އަޅަމުން ދަނީ ކުނިމެނޭޖު ކުރުމާބެހޭ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބުނެ އީޕީއޭ އިން ވަނީ މިމަހު 10 ވަނަ ދުވަހު 45,000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ކައުންސިލަށް އަންގާފައެވެ.

މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އަންގާފައި ވެއެވެ.

އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ކުނިމެނޭޖު ކުރުމާބެހޭ ގަވައިދާ ކަނޑައެޅިގެން ހިލާފަށް އަމަލުނުކުރާ ކަމަށް ބުނެފައެވެ. އަދި އެ ފައިސާ އަކީ ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، މޫދަށް ކުނިއަޅާކަމަށް ބުނެ ޖޫރިމަނާ ކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށެވެ. އެއީ އެރަށުގައި ދުވަހަކުވެސް ކުރާ ކަމެއް ނޫން ކަމަށާއި އެރަށު ރައްޔިތުންނަކީ ތިމާވެއްޓަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ތުލުސްދޫ ކައުންސިލުން މޫދަށް ކުނި ނާޅާ ކަމަށް ބުނި ނަމަވެސް މޫދަށް ކުނިއަޅާ މަންޒަރު ފެންނަ ވީޑިއޯ ފެންނަން އެބަހުރި ކަމަށެވެ.

މިމައްސަލާގައި އިތުރަށް އަޅާނެ ފިޔަވަޅަކާއެކު އެލްޖީއޭއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.