ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ހިންގި ހަރަކާތް ހުއްޓުވުމަށް ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ބައިވެރިވި މީހުންގެ ތެރެއިން ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

އުމުރުން 25 އަހަރުގެ އަހްމަދު އަކްސަމް ބަންދުން އިއްޔެ ދޫކޮށްލާފައި ވަނީ 44 ދުވަހުގެ ބަންދުގެ މުއްދަތެއް ހޭދަ ކުރުމަށް ފަހުއެވެ.

ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައި ވަނީ، ޔޯގާ މައްސަލައިގައި ހަމަނުޖެހުމުގައި އަކްސަމް ބައިވެރިވި ކަމަށާއި ނަމަވެސް އެއަށް ފަހު އޭނާ އުޅުނީ ސިފަ ބަދަލުކޮށްގެން ކަމަށާއި އަދި އޭނާ ގެންގުޅޭ ފޯނު ވެސް ބަދަލުކޮށްގެން ކަމަށެވެ. އެއީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ ކޮންމެވެސް ވަރެއްގެ ހެއްކެއް ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ބަންދުން ދޫކޮށްލަން ނިންމީ ބަންދުގައި ހޭދަކުރި މުއްދަތާއި އޭނާގެ ފަރާތުން މީހަކަށް އަނިޔާއެއް ވެސް ވެފައި ނުވާތީ އެ ކަންކަމަށް ބަލާފައި ކަމަށް ގާޒީ ވިދާޅުވިއެވެ.

އަކްސަމް ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކެއް ކޮށްފައެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށާއި ފުލުހުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

ޔޯގާގެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައި ވާއިރު ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން ބިން މުހައްމަދު އަދި ޝައިހު އާދަމް ނިޝާން ބިން އަލީ އާދަމްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރިއެވެ. އެހެންނަމަވެސް އެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އެ މައްސަލައިގައި ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓާފައެވެ.

މިހާރު އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 7 މީހަކެވެ.