ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބަރުލަމާނީ ނިޒާމު ނެތިގެން ނޫން ކަމަށް އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ގަރާރު އާންމު ކުރެއްވުމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ނާޒިމް ވިދާޅުވާ ގޮތުގައި އޭނާ އަބަދުވެސް ތާއިދު ކުރަނީ ރިޔާސީ ނިޒާމަށެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމަކީ ބާރުތައް ޖަވާބުދާރީކޮށް، ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމް ގެނައުމަށް ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރުގެ ތަފްސީލް ދެއްވަމުން، އެ ނިޒާމު ގެންނެވުމުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދު ވެސް ބޭނުންފުޅުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފައްޔާޒް ވެސް ވަނީ އޭނާ އަބަދުވެސް ރިޔާސީ ނިޒާމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އެމްޑީޕީގެ އތެރޭގެ އިންތިހާބުތައް ކުރިއަށް ދިޔަ އިރު ވެސް ނަޝީދާ އެކު ހުންނެވި މެންބަރުން ކެމްޕެއިން ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމް ގެނައުމަށް ތާއީދު ކުރައްވައިގެނެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބެހިފައިވާ އިރު، މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔަރަށް ހުންނެވި ކަމަށް ހާމަކުރެއްވި ނަމަވެސް އެމަނިކުފާނު ނިކުމެވަޑައިގަންނަވާނީ ބަރުލަމާނީ ނިޒާމަކާ އެކުގައި ކަމަށް ސީދާ ވިދާޅުވެފައެއް ނުވެއެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަނާ އެކު ދެވަނަ ދައުރެއްގައި ނިކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން މެނުވީ ގެނެވޭނެ ބަދަލެއް ނޫން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.