މިރޭ މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި 2 މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މިރޭ ގާތްގަނޑަކަށް 9:12 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި އަނިޔާވި ދެ މީހުން އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިރޭ މާރާމާރީއެއް ހިންގާފައި ވާއިރު މިއަދު ވަނީ މާލޭގެ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއްވެސް ފޭރިގެންފައެވެ. މީގެ އިތުރުން މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ވަގުތެއްގައި ހ. ސީރީންވިލާގޭގައި އަނިޔާވެރި ގޮތަކަށް އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. އަދި ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ އަލީ ޝާހިލްއެވެ.