ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމު "ޖުގް ޖުގް ޖިއޯ" އަނެއްކާވެސް ތިއޭޓާ ތަކުގައި އަޅުވަން ނިންމައިފިއެވެ.

ކިއާރާ އަދުވާނީ، ވަރުން ދަވަން، އަނިލް ކަޕޫރު އަދި ނީތޫ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމު އަލުން ތިއޭޓާ ތަކުގައި އަޅުވަން ނިންމީ އިންޑިއާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި ކަމަށް ދަރްމާ ޕްރޮޑަކްޝަންސް އިން ބުނެއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މި ފިލްމު އަޅުވަން ނިންމިއިރު މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ހައުސްގެ ފުރާޅުގެ ދަށުން ގެނެސްދޭ މި ފިލްމު ވެގެންދިޔައީ ވަރުން އާއި ކިއާރާ އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމަށެވެ. މި ފިލްމުން ފެނިގެންދިޔައީ ދެމަފިރިންގެ މެދުގައި ދިމާވާ މައްސަލަތަކެއް ވަރިފަށާ ހަމައަށް ނުގޮސް ކައިވެނި ސަލާމަތްކުރަން ދެ ޖީލެއްގެ ބަޔަކު ކުރާ މަސައްކަތްތަކެވެ. މި ފިލްމުގައި ވަރުންގެ މަންމަގެ ރޯލު ނީތޫ ކުޅުން އިރު ވަރުންގެ ބައްޕަގެ ރޯލު ކުޅުނީ އަނިލް ކަޕޫރެވެ.

މި ފިލްމަކީ ނިތޫގެ ފިރިމީހާ ރިޝީ ކަޕޫރު މަރުވި ފަހުން ކުޅުނު ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މި ތަރިންގެ އިތުރުން ދެން ފެނިގެންދިޔައީ މަޝްހޫރު ޓީވީ ހޯސްޓް މަނީޝް ޕޯލް، ވަރުން ސޫދާއި ޕްރަޖަކްތާ ކޯލީއެވެ.

ރާޖް މެހެތާ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމު ހެދުމަށް 85 ކުރޯޑު ރުޕީސް ހޭދަވިއިރު މި ފިލްމަށް ބޮކްސް އޮފީހުން ވަނީ 136 ކުރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ.