ބޮލީވުޑްގެ ލޯބި ޖޯޑު ސިދާތް މަލްހޯތްރާ އާއި ކިއާރާ އަދުވާނީ އެކުގައި އަނެއްކާވެސް ފިލްމެއް ކުޅެން އުޅޭކަމުގެ އަޑު ފެތުރެން ފަށައިފިއެވެ.

މިދިޔަ އަހަރު ވަނީ މިދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ޝޭރްޝާހް" ރިލީޒް ކޮށްފައެވެ. މި ފިލްމަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެތަރިން ދެން އެކުގައި ފެނިގެންދާނީ "އާދަލް ބާދަލް" ކިޔާ ފިލްމަކުން ކަމަށެވެ. މި ފިލްމަކީ ވަރުގަދަ ސްޕެޝަލް އިފެކްޓްސްތަކެއް ހިމެނޭ ފިލްމެއް ކަމަށްވެސް އެ ނޫހުން ބުނެއެވެ.

މި ފިލްމުވެގެންދާނީ ލޯބީގެ ރީތި ފިލްމަކަށެވެ. ސުނިލް ކެތަރްޕާލް ޕްރޮޑިއުސްކޮށް ގެނެސްދޭ ރޮމް ކޮމް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރު ކަމަށް ޚަބަރުތައް ބުނެއެވެ.

ދެހާސް ބާރަ ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން އާލިއާ ބަޓް އާއި ވަރުން ދަވަން އާއެކު ބޮލީވުޑަށް ތައާރަފްވި ސިދާތް އަކީ މިވަގުތު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ އެކްޓަރެކެވެ. މި ވަގުތު އޭނާ މަސައްކަތް ކުރަމުން އަންނަނީ ރޯހިތު ޝެޓީ ގެ އިންޑިއަން ޕޮލިސް ފޯސްގައެވެ. އެ ސީރީޒް އެމެޒޯން ޕްރައިމް އިން ދެއްކުމަށް ހަމަޖެހިފައިވާއިރު މި ސީރީޒަކީ ދިއްލީ ފުލުހުންގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ.

ބަތަލާ ކިއާރާ އަދުވާނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރާމް ޗަރަން ގެ "އާރްސީ 15" އިންނެވެ.