ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ސިއްހީ ދާއިރާއިން ކުރި ހަރަދުތަކުގެ ތެރޭގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކާއި އަދި ދޭން ޖެހޭ އަދަދަށް ވުރެ ގިނައިން ފައިސާ ދީފައިވާ މައްސަލަތަކެއް ހާމަވެއްޖެއެވެ.
މި މައްސަލަތައް ހާމަކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކޮވިޑާ ގުޅިގެން ހިންގި މާލީ ހިސާބުތައް އޮޑިޓް ކުރުމަށްފަހު އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށް ނެރެފައިވާ ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ބުނާ ގޮތުގައި، 3 މައްސަލައެއް ވަނީ ފާހަގަ ކޮށްފައެވެ.
1. މަސައްކަތަށް އެއްބަސްވެފައިވާ މުއްދަތަށް ވުރެ ގިނަ ދުވަސް ނަގާފައިވުން
އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް ހޯދުމަށް ހުޅުވާލާފައިވާ ބިޑަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ބިޑް އިވެލުއޭޝަން މަރުހަލާގައި އެންމެ ގިނަ ޕޮއިންޓް ދީފައި ވަނީ ކުރު މުއްދަތެއް ތެރޭ ތަކެތި ފޯރުކޮށްދޭން ބުނި ފަރާތްތަށް ކަމަށެވެ. ތަކެތި ފޯރުކޮށް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން އައިޓަމްތައް ފޯރުކޮށްދިނުމަށް ޖަހާފައިވާ މުއްދަތަކީ، ކޮވިޑް ހަލުވިކޮށް ފެތުރެމުން ދިއުމާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރާފައިވާ ދުވަސްވަރެއްގައި، ރާއްޖެއިން ބޭރުން ތަކެތި އެތެރެކޮށް ސަޕްލައި ކުރުމަށް އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމުގައި ރިއާޔަތްކޮށްފައި ނުވާ ކަން ފާހަގަކުރެވުނު ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. މީގެ އިތުރުން، އެއް މަސައްކަތަކަށް ބިޑްކުރާ އެކިއެކި ފަރާތްތަކުން މަސައްކަތް ނިންމަން ބުނާ މުއްދަތުގައި ބޮޑު ތަފާތެއް ހުރިނަމަ، އެއީ ކިހިނެއް އަންނަ ތަފާތެއް ކަން ދެނެގަތުމަކީ ބީލަމުގެ ކަންކަން ޒިންމާދާރު ގޮތެއްގައި ކުރިޔަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ނަމަވެސް، އެކި ފަރާތްތަކުން މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ބޮޑެތި ތަފާތުތަކެއް ހުރިއިރު، ތަފާތު އައިސްފައިވާ ސަބަބު ދެނެގަތުމަށްޓަކައި ކަމާގުޅޭ މައުލޫމާތު ހޯދާފައިވާކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. ނަތީޖާއެއްގެ ގޮތުން، އެކަށީގެންވާ ވަރަށް ވުރެ ކުރު މުއްދަތު ޖަހާފައިވާ ފަރާތަށް ބިޑް އެވޯޑް ކުރި އިރު އެ ފަރާތަށް ވުރެ އަގު ހެޔޮކޮށް އެހެން ފަރާތްތަކުން ބިޑް ހުށަހަޅާފައިވާ ކަމާއި، ބިޑް އެވޯޑްކޮށްފައިވާ ފަރާތަށް މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވި، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ރި÷ޮތުގައި ބުނެއެވެ.
ތަކެތި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން 20،000 ސިންގަލް ޔޫސް ގައުން ފޯރުކޮށްދީފައި ވަނީ އެއްބަސްވެފައިވާ މުއްދަތަށް ވުރެ 9 ދުވަސް ފަހުންނެވެ. 35،800 ސިންގަލް ޔޫސް ގައުން ފޯރުކޮށްދީފައި ވަނީ އެއްބަސްވެފައިވާ މުއްދަތަށްވުރެ 24 ދުވަސް ފަހުންނެވެ. އަދި ފޯރުކޮށްދޭން ޖެހޭ ބާކީ ހުރި ސިންގަލް ޔޫސް ގައުން ސަޕްލައިކޮށް ދިނުމަށް، 9 މެއި 2020 ގެ ބިޑް ކޮމިޓީގެ ޖަލްސާ އިން 51 ދުވަސް އިތުރުކޮށްދީފައި ވެއެވެ. އެގޮތުން 100،450 ސިންގަލް ޔޫޒް ގައުންސްގެ ތެރެއިން 44،450 ސިންގަލް ޔޫޒް ގައުން ޖޫން 2020 ގައި ފޯރުކޮށްދީފައިވާ އިރު، އެ ގައުންތަކަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބްރޭންޑްތަކަށް ނުވާތީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް އެ އައިޓަމްތަކާ މިނިސްޓްރީ އޮފް ހެލްތުން ހަވާލުވެފައެއް ނުވެއެވެ.
2. ލިކިއުޑޭޓެޑް ޑެމޭޖަސް ކަނޑާފައިނުވުމާއި އިތުރަށް 5 ލައްކަ ރުފިޔާ ދީފައި ވުން
ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ސަޕްލައިކޮށް ދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އަމިއްލަ ފަރާތަކާ ދެމެދު މާޗު 9، 2020 ގައި ސޮއި ކުރި އެއްބަސްވުމުގައި ވާ ގޮތުގައި، ސޮއިކުރާ ދުވަހުން ފެށިގެން މީލާދީ ގޮތުން 7 ދުވަހުގެ ތެރޭގައި، އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް، ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކުރަން ޖެހެއެވެ. މީގެ އިތުރުން، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު އިތުރު ކުރެވޭނީ،ދިމާވި ސަބަބު ބަޔާންކޮށް މަސައްކަތް ނިންނުމަށް ކަނޑައަޅާފައިވާ މުއްދަތު މާޗް 16، 2020 ހަމަވުމުގެ ކުރިން މަސައްކަތާ ހަވާލުވި ފަރާތުން، ލިޔުމަކުން މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީން އެކަން ބެލުމަށްފަހުގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.
ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތަށް މިއިން އެއްވެސް އައިޓަމެއް މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށާއި އެ އައިޓަމްތަކުގެ ތެރެއިން 55800 ގައުންސް ، 100450 ޝޫ ކަވަރާއި އަދި 100450 ހެޑް ކަވާ އޭޕްރީލް 9، 2020 ގެ ނިޔަލަށް ފޯރުކޮށްދީފައި ވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. .އަދި މި އައިޓަމްތަކުގެ އަގަށްވާ ޖުމްލަ 4،532،674 ރުފިޔާ، މިނިސްޓްރީ އޮފް ހެލްތުން ވަނީ، ސެޕްޓެންބަރު 20، 2020 ގައި މަސައްކަތާ ހަވާލުވި ފަރާތަށް ދައްކާފައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އެއްބަސްވުމުގައިވާ މުއްދަތު އިތުރު ކުރުމަށް، މާޗް 16، 2020 ގެ ކުރިން އެދުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބާކީ ހުރި އައިޓަމްތައް ފޯރުކޮށްދިނުމަށް، އެއްބަސްވުމުގެ މުއްދަތު އޭޕްރީލް 30، 2020 އަށް އިތުރުކޮށްދިނުމަށް އެދި، މަސައްކަތާ ހަވާލުވި ފަރާތުން މިނިސްޓްރީއަށް އަންގާފައި ވަނީ އޭޕްރިލް 15، 2020 ވަނަ ދުވަހު ކަމަށާއި މުއްދަތު އިތުރުކޮށް ދިނުމަށް އެދި މަސައްކަތާ ހަވާލުވި ފަރާތުން ހުށަހަޅާފައި ވަނީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ އެއްމަސް ދުވަސް ފަހުން ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
ސެޕްޓެމްބަރު 20، 2020 ގައި މި ފަރާތަށް މިނިސްޓްރީ އޮފް ހެލްތުން ފައިސާ ދައްކާފައިވާ އިރު، ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އެއްވެސް ފައިސާއެއް އުނިކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ. މި މަސައްކަތާ ހަވާލުވި ފަރާތުން ފޯރުކޮށްދީފައިވާ އައިޓަމްތަކަށް ފައިސާ ދައްކާފައިވާ އިރު، 517،915 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އަދި މި މަސައްކަތުގައި ބޭނުންވާ ބްރޭންޑްތައް ނޫން ބްރޭންޑްގެ ބައެއް ތަކެތި މަސައްކަތް ހަވާލުވި ފަރާތުން ފޯރުކޮށްދިނުމުން އެތަކެއްޗާ މިނިސްޓްރީން ހަވާލުވެފައެއް ނުވެއެވެ. އެހެންކަމުން ނުނިމޭ މަސައްކަތަކަށް ޖުމްލަ އަގު އަދާކޮށްފައިވުމުން މަސައްކަތާއި ހަވާލުވި ފަރާތުން މަސައްކަތް ފުރިހަމަނުކޮށް ލަސްވިކަމުގައި ވިޔަސް އެޅޭނެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް ނޯންނާނެ ކަމާއި، މަސައްކަތުން ލިބެން ޖެހޭ މަންފާ ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދާނެކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
3. ކޮވިޑް ފެސިލިޓީތަކުގައި ތިބުމުގެ ހަރަދަށް އިތުރަށް 18000 ރުފިޔާ ދީފައި ވުން
ކޮވިޑް ފެތުރެން ފެށި ދުވަސްވަރު ބަލި މީހުން، ޑޮކްޓަރުން، ޕޮލިހުންނާއި ސިފައިން އަ ދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކޮވިޑް ފެސިލިޓީތަކުގެ ގޮތުގައި ކުއްޔަށް ނަގާފައިވާ ރިސޯޓުތަކުގައި ބޭތިއްބުމުގެ ހަރަދަށް، ދައްކަންޖެހޭ ވަރަށް ވުރެ އިތުރަށް އަދި ބައެއް ފަހަރު މަދުން ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމުން 2 ރިސޯޓަކުން ކުއްޔަށް ހިފާފައިވާ ކޮޓަރިތަކަށް ދައްކަން ޖެހޭ ވަރަށް ވުރެ އިތުރަށް ޖުމމް 18000 ރުފިޔާ އަދި ދައްކަން ޖެހޭ ވަރަށް ވުރެ މަދުން ޖުމްލަ 34500 ރުފިޔާ މިނިސްޓްރީ އޮފް ހެލްތުން ދައްކާފައިވާ ކަން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭ ވަރަށް ވުރެ އިރުތަށް ފައިސާ ދެވިއްޖެ ނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެ ކަމަށެވެ. ނަމަވެސް، އޮޑިޓްކުރި ތާރީހް ކަމަށް ވާ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އިތުރަށް ދެއްކި ފައިސާ އަނބުރާ ހޯދާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. މީގެ އިތުރަށް، އޮޑިޓް ކުރި ތާރީހާ ހަމައަށް ރިސޯޓުން ކުއްޔަށް ހިފާފައިވާ ކޮޓަރިތަކަށް މަދުން ދެއްކިފައިވާ ފައިސާ އެ ރިސޯޓަށް ދައްކާ ހަލާސްކޮށްފައި ވެސް ނުވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ކުރި އޮޑިޓުގައި ހުރި މައްސަލަތައް ފާހަގަ ކުރުމަށް ފަހު ވަނީ މިނިސްޓްރީ އޮފް ހެލްތަށް ލަފާ ދީފައެވެ. އެ ގޮތުން އެ މިނިސްޓްރީން ހުށަހަޅާފައިވާ ބިޑްތަކުގައިވާ މުއްދަތަކީ އެ ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ މުއްދަތެއްތޯ ބިޑްތައް ވަޒަންކުރުމުގައި ބެލުމަށާއި، ހިދުމަތް ހޯދާނެ ފަރާތެއް ނިންމުމުގައި ދައުލަތަށް އެންމެ މަންފާ ބޮޑު ގޮތަށް އަމަލުކުރުމަށް ވަނީ ލަފާ ދީފައެވެ.
ހަމައެއާއެކު ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ، އެ ލަސްވާ ލަސްވުމުން، އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު އެ ކަމެއް ހަވާލުވި ފަރާތުން ހޯދަން ވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. އަދި ލިކުއިޓޭޑެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ ނުކަނޑާ ފައިސާ ހަވާލުކޮށްފައި ވާތީ، އެ ފައިސާއަކީ އެ ފަރާތަށް އިތުރަށް ދީފައިވާ ފައިސާއެއް ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު ފަރާތުގެ އަތުން އަނބުރާ ހޯދައި ޖަމާކުރަންޖެހޭ އެކައުންޓަކަށް/އައިޓަމަކަށް ޖަމާކުރުމަށް ވަނީ ލަފާ ދީފައެވެ. އެފަރާތުން އެ ފައިސާ ނުލިބިއްޖެނަމަ، އިތުރަށް ފައިސާ ދެއްކުމުގައި އިހުމާލުވެފައިވާ ފަރާތް/ފަރާތްތަކުން އެ ފައިސާ ހޯދާ ޖަމާކުރަންޖެހޭ އެކައުންޓަކަށް/އައިޓަމަކަށް އަނބުރާ ޖަމާކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ފެސިލިޓީތަކަށް އިތުރަށް ދައްކާފައިވާ ފައިސާގެ މައްސަލައިގައި އޮޑިތާ ޖެނެރަލް އޮފީހުން ލަފާ ދީފައި ވަނީ ކުލީގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު ފަރާތުގެ އަތުން އަނބުރާ ހޯދައި ޖަމާކުރަން ޖެހޭ އެކައުންޓަކަށް/އައިޓަމަކަށް ޖަމާކުރުމަށެވެ. އެފަރާތުން އެ ފައިސާ ނުލިބިއްޖެނަމަ، އިތުރަށް ފައިސާ ދެއްކުމުގައި އިހުމާލުވެފައިވާ ފަރާތް/ފަރާތްތަކުން އެ ފައިސާ ހޯދާ ޖަމާކުރަން ޖެހޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ހެލްތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އަމަލުކޮށްފައި ވާތީ މައްސަލަ ބެލުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ" އަށް މައްސަލަ ހުށަހެޅުމަށް ވެސް އޮޑީޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ކަމުގައި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ހެލްތް މިނިސްޓްރީގެ އެޗްއާރްއެމްޑީ ކޮމިޓީއަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.