ކޮވިޑް-19 ގެ ބަލިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ހެލްތް މިނިސްޓްރީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހިދުމަތް ފޮރުކޮށް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ކޮވިޑް-19ގެ "ވީކްލީ ސްޕެންޑިން" ރިޕޯޓުގައި ދައްކާ ގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހެލްތް މިނިސްޓްރީން ވަނީ 737.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށެވެ. އެ ކަމަށް ވަނީ 500.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ކަމަށް އެ ރިޕޯޓުން ދައްކައެވެ.

ހަމައެއާއެކު ކެޕިޓަލް އިކްއިޕްމަންޓަށް 80.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެހެނިހެން އޮޕަރޭޝަނަލް ހިދުމަތްތަކަށް 63.5 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ. އަދި މުވައްޒަފުންގެ އެލަވަންސް ދިނުމަށް 58.2 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ހެލްތުގެ އިތުރުން ދެން ކޮވިޑްގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީންނެވެ. ޑިޒާސްޓާއިން 868.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ޑިޒާސްޓާ އިން ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހިދުމަތް ދޭން ބޭނުންވާ ތަކެތި ހޯދުމަށެވެ. އެގޮތުން މި މަހުގެ 10 ގެ ނިޔަލަށް ތަކެތި ހޯދުމަށް ވަނީ 363.6 މިލިއަން ރުފިޔާ ހޭދަކޮށްފައިއެވެ.

ޑިޒާސްޓައިން ކެޕިޓަލް އިކްއިޕްމަންޓް ހޯދުމަށް 112.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 114.3 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައެވެ. އަދި ދަތުރު ކުރުމަށް 39.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ހަރަދުތަކުގެ އިތުރުން ޑިޒާސްޓާ މެނޭޖުމަންޓް ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

މިހާތަނަށް ކޮވިޑް-19ގެ އޮޕަރޭޝަނަށް ޖުމްލަ ކޮށް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެތެރޭގައި ސިއްހީ ދާއިރާއަށް 1.9 ބިލިއަން ރުފިޔާ އަދި އިގްތިސޯދު ހިންގަން 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.